ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އިތުރު ފީއެއް ނުނަގާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލުން ބުނީ ކްރޮސްބޯޑާ ވިޔަފާރިތަކަށް ފީއެއް ނެގުމަކީ މުޅި ދުނިޔޭގެ ޕޭމަންޓް ނިޒާމު ހިންގާ ގޮތް ކަމަށާއި ބީއެމްއެލް ހިމެނޭ ގޮތަށް ހުރިހާ ބޭންކަކުން ވެސް މި ފީ ނަގާ ކަމަށެވެ.
ފީ ނަގާ އުސޫލާއި ހަގީގަތް
ބޭންކްގެ ޝެޑިއުލް އޮފް ޗާޖަސްގައި ވާގޮތުން، ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ކްރޮސް ބޯޑާ މުއާމަލާތްތަކުގައި، އެ މުއާމަލާތަކީ އެމެރިކާ ޑޮލަރުން ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތެއް ނަމަ ނުވަތަ އެ މުއާމަލާތެއް ކުރަނީ ދިވެހި ރުފިޔާގެ އެކައުންޓަކުން ނުވަތަ ދިވެހި ރުފިޔާއިން ފައިސާ ދައްކާ ކްރެޑިޓް ކާޑަކުން ނަމަ 10 ޕަސެންޓާ ހަމައަށް ކްރޮސް-ބޯޑާ ޓްރާންސެކްޝަން ފީއެއް ނަގާނެއެވެ.
މިއީ ބޭންކުން ކާޑުގެ ހިދުމަތް ދޭން ފެށީއްސުރެ 'އޮޕްޝަނަލް އިޝުއާ ފީ' (OIF) ގެ ގޮތުގައި ނަގަމުން އަންނަ ފީއެކެވެ. މިގޮތުން އެއީ ކޮންމެހެން 10 ޕަސެންޓެއް ނޫނެވެ. އެންމެ ގިނަވެގެން 10 ޕަސެންޓާ ހަމަޔަށް، އެކި ކާޑު ޕްރޮޑަކްޓް ތަކުގައި އެކި މިންވަރަށެވެ. މިއީ ކުރިންވެސް އަދި މިހާރުވެސް މިކަން އޮތްގޮތެވެ. މިކަމަކަށް ބަދަލެއް ނާންނަ ކަމަށް ބީއެމްލްއިން ބުންޏެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް، ކަނޑައެޅިފައިވާ ވަކި 6 އީ-ކޮމާސް ސައިޓަކުން ކުރާ މުއާމަލާތްތަކަށް 30 ޕަސެންޓްގެ ފީއެއް ނެގުމުގެ އިހުތިޔާރު ބޭންކަށް އޮވެއެވެ. މި ވެބްސައިޓްތަކުގެ ޑޮލަރުގެ ސަޕޯޓާއި ލިމިޓްތައް ބޭންކުން އަންނަނީ ބޭންކަށް ޑޮލަރު ލިބޭ ނިސްބަތަށް ބަލައިގެން އާންމުފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރު ދޫކުރަމުން ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ޑެބިޓްކާޑާއި ކްރެޑިޓްކާޑުގެ މުއާމަލާތްތަކަށް މޭމަހުގެ ނިޔަލަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މިއީ އެވްރެޖްކޮށް މަހަކު 40 މިލިއަން ޑޮލަރު ކަމަށް ބީއެމްއިލްއިން ބުނެއެވެ. 2025 ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް ޖެހުނީ 33 މިލިއަން ޑޮލަރު ކަމަށާއި އެހެންކަމުން ބޭންކުން އަންނަނީ ކުރީ އަހަރާ އަޅައި ބަލާއިރު ޖުމްލަކޮށް ކާޑުގެ މުއާމަލާތްތަކަށް ވެސް ގިނައިން ޑޮލަރު ވިއްކަމުން ކަމަށް އެ ބޭންކުން ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ލިބޭ ޑޮލަރުގެ ލިމިޓްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ބޭސްފަރުވާ އާއި ދަތުރުފަތުރުގެ ބޭނުންތަކަށް މަހަކު 3,000 ޑޮލަރު، ޕީއޯއެސްއިން 1,000 ޑޮލަރު އަދި އީ-ކޮމާސްއަށް 250 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ. މިއީ ކުރިން އޮތް 250 ޑޮލަރުގެ ޖުމްލަ ލިމިޓާ އަޅައި ބަލާއިރު ބޮޑު ކުރިއެރުމެކެވެ. ހަމަ މިއާއެކު، ކްރެޑިޓް ކާޑުތަކުގެ ލިމިތްތައް ވެސް ވަނީ ބޮޑުކޮށްދީފައެވެ.
މިހާރު ދިމާވާ މައްސަލައަށް ހައްލެއް
ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރިތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބޭރުގެ ފަރާތްތަކަށް ދައްކާން ޖެހޭ ބޮޑެތި އަދަދުތަކުގެ ޑޮލަރު ހޯދުމަށް ބޭންކަށް ވަނީ މަޖުބޫރުވެފައެވެ.
މިފަދަ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ ދިނުމުގައި ބޭންކަށް ދަތިތަކެއް ކުރިމަތިނުވާނެހެން އޮންލައިން ސައިޓްތަކަށް ދުވާލަކު ވަކި ބަޖެޓެއް ކަނޑައަޅައިފައިވެއެވެ. ނަމަވެސް، މި ބަޖެޓް ހަމަވުމުން ބައެއް ސައިޓްތަކުން ރުފިޔާ ކާޑު ބޭނުން ނުކުރެވޭތީ އާންމުންގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
އެހެންނަމަވެސް، ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތަށް މުއާމަލާތްތައް ކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނާއި ބޭރުގައި ކިޔަވާ ކުދީންނާއި ބޭސްފަރުވާ އާއި ހޮޓާ ފަދަ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ބޮޑު ލިމިޓް އަދިވެސް ބޭނުން ކުރެވޭނެ ކަމަށް ބީއެލްއެލް އިން ބުނެއެވެ.
އެހެން ބޭންކުތަކާ އަޅައި ބަލާއިރު، ދިވެހި ރުފިޔާގެ ކާޑުތައް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ނުވަތަ އެންމެ ފުޅާ ފުރުސަތެއް ދެނީ ބީއެމްއެލް އިންނެވެ. މީގެ އިތުރުން، ބީއެލްއެމްއަށް މުސާރަ ޖަމާ ނުކުރާ ފަރާތްތަކަށް ވެސް ރުފިޔާ އެކައުންޓެއް މެދުވެރިކޮށް ޑެބިޓް ކާޑެއް ހޯދައި، އެހެން ކަސްޓަމަރުންނެކޭ އެއްފަދައިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައެޅިފައިވާ ލިމިޓް ބޭނުންކުރެވޭނެއެވެ.
ހަމައެއާއެކު، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ވިޔަފާރިކުރުމުގައި އެއްވެސް ހުރަހެއް ނުވަތަ ލިމިޓެއް ނެތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއީ ކަސްޓަމަރުން ސަމާލުކަން ދިނުން މުހިއްމު ކަމެއް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް