އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ޖެހިޖެހިގެން ވެރިކަން ކުރެއްވި ބޮޑުވަޒީރަށް ވެވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މެއި 26، 2014 ގައި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ނަރެންދުރަ މޯދީ، ޖެހިޖެހިގެން އެ މަގާމުގައި ހުންނަވައިގެން މިއަދާއި ހަމައަށް ހޭދަކުރެއްވި ދުވަސްތަކުގެ އަދަދު ވަނީ 4399 ދުވަހަށް އަރައިފަ އެވެ. މި ކާމިޔާބީއާ އެކު، މީގެ ކުރިން އިންޑިއާގެ ތާރީހުގައި އެންމެ ގިނަ ދުވަހު ޖެހިޖެހިގެން ވެރިކަން ކުރެއްވި ބޮޑުވަޒީރު ކަމުގެ ރެކޯޑު އޮތް ޕަންޑިތު ޖަވާހަރުލާލް ނެހުރޫގެ ރެކޯޑު މޯދީ ވަނީ މުގުރައިލައްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ޔަގީންކުރަނީ އިންޑިއާއާއި އެކު އޮތް ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި ސިޔާދަތީ ހަމަހަމަކަމާއި އަދި ދެ ގައުމަށް ފައިދާހުރި ގުޅުންތަކުގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ހަމަތަކުގެ މަތީން ގުޅުންތައް ދަމަހައްޓައި، ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް އެކުގައި މަސައްކަތް ކުރުމަކީ ރާއްޖޭގެ އުންމީދު ކަމަށެވެ.