ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ އުތުރުން އޮންނަ އުޓްސުނޯމިޔާ ސިޓީގެ އާންމު ސަރަހައްދުތަކެއްގައި ބެއާއެއް އުޅޭކަން ފާހަގަކުރެވިގެން، އެ ސިޓީގެ 94 ސްކޫލެއް ބަންދުކޮށްފިއެވެ. މިއީ ފިނި މޫސުމަށްފަހު ބެއާތައް ނުކުމެ، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވަންނަ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.
އެ ސިޓީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް އެއް މީޓަރު ދިގުމިން ހުރި މި ބެއާ އެންމެ ފުރަތަމަ ފެނިފައިވަނީ ހޮނިހިރު ދުވަހު ޕާކެއްގެ ކައިރިންނެވެ. އޭގެ ފަހުން ވިޔަފާރިކުރާ ސަރަހައްދަކުންނާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ޔުނިވަސިޓީ ކެމްޕަހަކުން ވެސް ވަނީ މި ބެއާ ފެނިފައެވެ. މިކަމާ ގުޅިގެން ހޯމަ އަދި އަންގާރަ ދުވަހު ސިޓީގެ ހުރިހާ ޕްރައިމަރީ އަދި ޖޫނިއަރ ހައި ސްކޫލްތަކެއް ވަނީ ބަންދުކޮށްފައެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސިޓީ ކައުންސިލުން ވަނީ ލައުޑްސްޕީކަރު ހަރުކޮށްފައިވާ އުޅަނދުތައް މެދުވެރިކޮށް، ގޭގައި މަޑުކުރުމަށާއި ދޮރުތައް ތަޅުލުމަށް އަންގައިފައެވެ. ރޭގަނޑު ކުނި ބޭރަށް ނުނެރުމަށް ވެސް އިރުޝާދުދީފައިވެއެވެ. އުޓްސުނޯމިޔާ ސިޓީގެ އޮފިޝަލެއް ކަމަށްވާ ރިޔޫހެއި އިރިއޭ ވިދާޅުވި ގޮތުގައި، ޑްރޯން ބޭނުންކޮށްގެން ކުރި މަސައްކަތުން އިއްޔެ މެންދުރުފަހު ވަނީ ވެޓެރިނޭރިއަނެއްގެ އެހީގައި ޓްރޭންކުއިލައިޒަރ ބަޑިއެއް ބޭނުންކޮށްގެން އެ ބެއާ ހިފާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތެއް ކަމަށްވާ އިއްސެއި އޮކާބޭ ބުނި ގޮތުގައި، ބެއާ ހިފުމުން އާންމުންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.
ތިމާވެށީގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ޖަޕާނުގެ އާންމު ސަރަހައްދުތަކުން ބެއާ ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަންގަލިތަކުން ކާނާ ލިބުން ދަތިވުމާއި، ރަށްފުށުގެ އާބާދީ މަދުވެ ޝިކާރަކުރާ މީހުން މަދުވުމެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަހުގެ ނިޔަލަށް އެއް އަހަރު ދުވަހުގެ ތެރޭގައި 50،000 އަށްވުރެ ގިނަ ފަހަރު ބެއާ ފެނިފައިވާއިރު، ބެއާގެ ހަމަލާތަކުގައި 238 މީހަކަށް އަނިޔާވެ 13 މީހަކު ވަނީ މަރުވެފައެވެ. ޖަޕާނު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެ ގައުމުގައި 57،800 ބެއާ އުޅޭއިރު، އާބާދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ހާއްސަ ރޯޑްމެޕެއް އެކުލަވާލާފައެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން