އިންޑިއާއިން ފުރަތަމަ ފަހަރަށް އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުތަކުގެ ތެރެއިން 12 ވޯހެޑް ތައްޔާރީ ހާލަތަށް ގެނެސްފިއެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، މިއީ އިންޑިއާގެ ނިއުކްލިއާ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
ސިޕްރީގެ މި އަހަރުގެ އިޔަރބުކްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާއިން މި 12 ވޯހެޑް ހަރުކޮށްފައިވަނީ ކަނޑުމަގުން ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ނިއުކްލިއާ ސަބްމެރިންތަކުގައެވެ. މީގެ ކުރިން އިންޑިއާއިން އަމަލުކުރަމުން އައި ގޮތަކީ ސުލްހަވެރި ދުވަސްވަރު ނިއުކްލިއާ ވޯހެޑްތަކާއި އެ ފޮނުވާލާ ނިޒާމުތައް ވަކިން ރައްކާކޮށްފައި ބެހެއްޓުމެވެ. ނަމަވެސް، އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުންކުރާ ބެލިސްޓިކް މިސައިލް ސަބްމެރިން (އެސްއެސްބީއެން) ތަކުގައި ވޯހެޑްތައް ހަރުކޮށްފައި ބެހެއްޓުމަކީ، ކުއްލި ހާލަތެއްގައި ވަގުތުން ހަމަލާދިނުމަށް އެ ގައުމުން ތައްޔާރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް އިންޑިއާގެ ނިއުކްލިއާ ހަތިޔާރުގެ ޖުމުލަ އަދަދު ވަނީ 190 އަށް އިތުރުވެފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 10 ވޯހެޑްގެ އިތުރުވުމެކެވެ.
ސިޕްރީން ބުނި ގޮތުގައި، އިންޑިއާގެ މި ފިޔަވަޅަކީ ސަރަހައްދީ ސަލާމަތަށް، ހާއްސަކޮށް ޗައިނާގެ އަސްކަރީ ބާރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާގެ ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ބާރުތަކުން ނިއުކްލިއާ ހަތިޔާރަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަންވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާއިން ވޯހެޑްތައް ތައްޔާރީ ހާލަތުގައި ބެހެއްޓިނަމަވެސް، ފުރަތަމަ ހަމަލާ ނުދިނުމަށް އެ ގައުމުން ގެންގުޅޭ "ނޯ ފަސްޓް ޔޫސް" ސިޔާސަތަށް ބަދަލެއް ގެނެސްފައިނުވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މި ރިޕޯޓާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ