ވޯލްޑް ކަޕް 2026 އަކީ ތިން ގައުމެއްގައި ހޯސްޓް ކުރާ ވޯލްޑް ކަޕެކެވެ. ތިން ގައުމަށް ތިން މެސްކޮޓް ބޭނުންކުރާން ފީފއިން ވަނީ ނިންމައިފައެވެ. އެއީ މެކްސިކޯއަށް ނިސްބަތްވާ ޒަޔޫ ދަ ޖަގުއާ، ކެނެޑާއަށް ނިސްބަތްވާ މޭޕަލް ދަ މޫސް އަދި އެމެރިކާއަށް ނިސްބަތްވާ ކްލަޗު ދަ ބޯލްޑް އީގަލްއެވެ. މީގެ ކުރީންވެސް ތިން މެސްކޮޓްގެ ވޯލްޑް ކަޕެއް ފެނިގެން ދިޔައެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ފީފާއިން ކޮރެއާ ޖަޕާން ވޯލްޑް ކަޕަށް ތިން މެސްކޮޓް ތައާރަފުކުރީ މާނަފުން ވާހަކަތަކެއް މެސްކޮޓްގެ އެހީގައި ގެނެސްދިނުމުގެ ބޭނުމުގައެވެ.

މިފަހަރުގެ މެސްކޮޓްތައްވެސް ފީފާއިން ޕްރޮމޯޓް ކުރަން ވިސްނާފައިވަނީ ޑިޖިޓަލް މީޑިއާގައެވެ. ގޭމިން ކެރަކްޓާތަކުގެ ގޮތުގައި މެސްކޮޓް ބޭނުންކުރެވޭނެ ގޮތާއި އެކިއެކި އެޕްލިކޭޝަންތަކުގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި މެސްކޮޓްތައް ފެނިގެން ދެއެވެ.

މޭޕަލް ދަ މޫސް – ކެނެޑާ

މޫސްއާއި މޭޕަލްއަކީވެސް ކެނެޑާގެ ގައުމީ ރަމްޒެކެވެ. ކެނެޑާއަކީ "ދަ ލޭންޑް އޮފް މޭޕަލް"ގެ ނަމުން މަޝްހޫރު ގައުމެކެވެ. މޫސްއަކީ ފުއްލާ އާއިލާއަށް ނިސްބަތްވާ މަދުން ފެންނަ ޖަނަވާރެކެވެ. އެ ޖަނަވާރު މިހާރު އެންމެ ގިނައީވެސް ކެނެޑާގައެވެ. މޭޕަލް ދަ މޫސްއަކީ ގޯލްކީޕަރެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މެސްކޮޓެކެވެ.

ފީފާއިން ކެނެޑާގެ މެސްކޮޓުން ރަމްޒުކޮށްދޭން ބޭނުންވަނީ އެގައުމުގެ އުފެއްދުންތެރިކަމާއި ހަރުދަނާ ލީޑާޝިޕްގެ އިތުރުން މޮޅު ފަރުމާކުރުންތަކާއި މިޔުޒިކެވެ. ވިލުންތެރިކަންވެސް އެ މެސްކޮޓުން ރަމްޒުކޮށްދެއެވެ.

ޒަޔޫ ދަ ޖަގުއާ – މެކްސިކޯ

ޒަޔޫއިން ދައްކުވައިދެނީ މެކްސިކޯއަށް ހާއްސަ ޖަނަވާރެއް ކަމަށްވާ ޖަގުއާއެކެވެ. މެކްސިކޯއަކީ ޒަމާންވީ ހަލޯރަތްތަކެއް ފެނިގެންދާ ގައުމަކަށްވާއިރު، އެ މެސްކޮޓް ގުޅެނީ އެގައުމުގައި އޮތް މާޔާ އަދި އަޒްޓެކްސް ފަދަ ހަލޯރަތްތަކާއެވެ. ޖަގުއާ އާންމުކޮށް ފެންނަ ގައުމެއްގެ ގޮތުގައި މެކްސިކޯ ފާހަގަވާ އިރު، ޒަޔޫއަކީ އެޓޭކިން ކުޅުންތެރިއެއް ދައްކުވައިދޭ ކެޕްޓަން ކޮލިޓީގެ މެސްކޮޓެކެވެ. މެކްސިކޯގެ މެސްކޮޓުން ރަމްޒުކޮށްދެނީ ވަރުގަދަކަމާއި ސަގާފަތުގެ އިތުރުން ބަދަހިކަމެވެ. އޭގެ އިތުރުން މެކްސިކޯގެ އެކޯ ސިސްޓަމުގެ ވަރުގަދަކަންވެސް އެ މެސްކޮޓުން ރަމްޒުކޮށްދެއެވެ.

ކްލަޗް ދަ އީގަލް – އެމެރިކާ

އެމެރިކާގެ އެންމެ ބޮޑު އެއް ސިމްބަލްއަކީ ބާޒެވެ. ކްލަޗަކީ ބާޒު ރަމްޒުކޮށްދޭ މިޑްފީލްޑަރެކެވެ. އެމެރިކާގެ ހައިބަތު ދައްކުވައިދޭ ބާޒެއްގެ ރަމްޒާއެކު އެ މެސްކޮޓުން ރަމްޒުކޮށްދޭން ފީފާއިން ބޭނުން ވަނީ ކެރުމާއި ހިތްވަރެވެ. މިނިވަންކަމާއި ލީޑާޝިޕްގެ އިތުރުން ކުރިއެރުންވެސް އެ މެސްކޮޓުން ރަމްޒުކޮށްދެއެވެ. ކްލަޗްގެ ނަން މެސްކޮޓަށް ދެވުނީ ކުޅިވަރުގައި ކްލަޗަކީ ޕްރެޝަރުގެ ވަގުތުގައި ނަތީޖާ ނެރޭ ކުޅުންތެރީންނަށް ބޭނުންކުރާ ބަހަކަށްވާތީއެވެ.