ފީފާ ވޯރލްޑް ކަޕް 2026 ގެ ރަސްމީ ބޯޅަ އަކީ އެޑިޑާސް ކުންފުނީން ތައްޔާރު ކޮށްފައި ވާ "އެޑިޑާސް ޓްރިއޯންޑާ" އެވެ. "ޓްރިއޯންޑާ" އަކީ ސްޕޭނު ބަހުގެ ލަފުޒެކެވެ. އެ ލަފުޒުގެ މާނައަކީ "ތިން ރާޅު" އެވެ. މި ނަމުން ރަމްޒު ކޮށްދެނީ މި ފަހަރު ވޯރލްޑް ކަޕް ބާއްވާ ތިން ގައުމެވެ. އެއީ ކެނެޑާ އާއި މެކްސިކޯ އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ.
ޓްރިއޯންޑާ އަކީ ގިނަ ކުލަތަކެއް ބޭނުން ކޮށްގެން ފަރުމާ ކޮށްފައި ވާ ބޯޅައެކެވެ. ނަމަވެސް މައިގަނޑު ތިން ކުލަޔަކީ ރަތާއި ފެއްސާއި ނުލެވެ. އެ ކުލަތަކާ ގުޅުވައިލައިފައި ހުންނަނީ ކެނެޑާ އާއި މެކްސިކޯ އާއި އެމެރިކާގެ ގައުމީ ނިޝާންތަކެވެ. ކެނެޑާގެ މޭޕަލް ފަތެވެ. މެކްސިކޯގެ ބާޒެވެ. އެމެރިކާގެ ނިޝާނެއްގެ ގޮތުގައި ތަރިއެވެ.
ޓްރިއޯންޑޭ އުފައްދައިފައި ވަނީ ހަތަރު ޕެނަލް ގުޅުވައިލައިގެންނެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި ބޯޅައެއްގައި ބޭނުން ކުރާ އެންމެ މަދު ޢަދަދުގެ ޕެނަލެވެ. ބޯޅަ ފަރުމާ ކޮށްފައި ވަނީ ބޯޅައިން ވައި ދޫ ވާ މިންވަރު ވީހައި ވެސް ކުޑަ ކުރުމާ އެކު، ޖެހުމަށް ފަސޭހަ، އަދި ބޯޅައިގައި ޖެހުމުން ދާ އިރު މިސްރާބާއި ބާރުމިން ވީހައި ރަނގަޅަކަށް ހިފެހެއްޓޭނެ ގޮތް ބަލައިގެންނެވެ. ބޯޅައިގައި ޖަހާ އިރާއި، ބޯޅަ ކޮއްޓުމުގައި ކުޅުންތެރިޔާގެ ފައިގައި ޖެހިފައި ބޯޅަ ކައްސައިލާ ގޮތް ވުން ދުރު ކުރުމަށް ޓަކައި، އެމްބޮސް ކޮށްފައި ވާ ނިޝާންތަކެއް މުޅި ބޯޅައިގައި ޖަހައިފައި ހުރެއެވެ. އެ ނިޝާންތަކަކީ ކުރީން ބުނެވުނު ފަތާއި ބާޒާއި ތަރިއެވެ.
ޓްރިއޯންޑާގެ ވެސް ދެ ފެންވަރެއްގެ ބޯޅަ އުފައްދާނެއެވެ. އެކައްޗަކީ ސީދާ ވޯލްޑް ކަޕުގެ މުބާރާތްތަކުގައި ބޭނުން ކުރުމަށް ހަދާ، މުބާރާތުގެ ރަސްމީ ބޯޅައެވެ. އަނެކައްޗަކީ އާއްމު ބާޒާރަށް ނެރުމަށް ޓަކައި އުފައްދާ، ބައެއް ޓެކްނޮލޮޖީތައް ނުހުންނާނެ ބޯޅައެކެވެ. ރަސްމީ ބޯޅައިގައި ބޭނުން ކުރާ އެއް ޓެކްނޮލޮޖީ އަކީ 500 ހާޒްގެ މޯޝަން ސެންސަރ ޗިޕެކެވެ. މި ޗިޕުގެ ސަބަބުން ބޯޅައިގެ ޙަރަކާތް އިލެކްޓްރޯނިކަލީ ބެލޭނެއެވެ. އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީއަށް ވަގުތުން ވަގުތަށް ބޯޅައިގެ ޙަރަކާތްތަކުގެ މަޢުލޫމާތު ފޮނުވަމުން ދާނެއެވެ. އެގޮތުން، އޮފްސައިޑާއި ބޯޅަށް ގޯލަށް ވަންކަން ކަށަވަރު ކުރުން ފަދަ ކަންކަމުގައި، މި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެއެވެ.
މުބާރާތުގެ ރަސްމީ ބޯޅައެއް ބާޒާރުން ގަންނާން ލިބޭނީ 170 އެމެރިކާ ޑޮލަރުން ފެށިގެން 195 އެމެރިކާ ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. އާއްމު ބާޒާރަށް ނެރޭ ބޯޅައިގެ ވެސް ދެ ކޮލިޓީއެއް ހުރެއެވެ. އެއް ވައްތަރު ލިބޭނީ 65 އެމެރިކާ ޑޮލަރަށެވެ. އަނެއް ވައްތަރު ފަރުމާ ކޮށްފައި ވަނީ ތަމްރީނުތަކުގައި ބޭނުން ކުރުމަށެވެ. އޭގެ ބޯޅައެއްގެ އަގަކީ 45 ޑޮލަރެވެ.
އަލް އުސްތާޛް އަޙްމަދު މާޖިދު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026