ދިވެހިބަހާއި ސަގާފަތާބެހޭ ކުރީގެ މިނިސްޓަރު އާދަމް ނަސީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ މުޝީރުގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމަށް ކުރީގެ ވަޒީރު އާދަމް ނަސީރު އައްޔަން ކުރެއްވީ ސަރުކާރުގެ އިސް މަގާމުތަކަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިންނެވެ.

މިދިޔަ އޭޕްރީލް މަހު ކެބިނެޓުގެ ގިނަ ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ދުވަހު އާދަމް ނަސީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ އާދަމް ނަސީރު މިހާރު އެ މަގާމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ މަގާމުގެ ދަށުން ކުރައްވަން ޖެހޭ މަސައްކަތްތަކާއި އެ މަގާމުގެ ތަފުސީލުތައް ރަސްމީކޮށް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އާދަމް ނަސީރު ހާއްސަ މުޝީރުގެ މަގާމަށް އައްޔަން ކުރެއްވިއިރު، އޭޕްރީލް މަހު އިސްތިއުފާ ދެއްވި ކެބިނެޓުގެ އެހެން ބޭފުޅުންނަށް ވެސް ސަރުކާރުން ވަނީ މުހިންމު މަގާމުތައް ދެއްވައިފަ އެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިހާރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް ވަނީ ހަމަޖައްސައިފައެވެ.