ދާރުލް އާސާރުން 12 ލޮރީގެ ކުނި އުކާލުމުގައި އެއްވެސް ތަރިކައެއް ނައްތާލައިފައި ނުވާނެ ކަަމަށް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދާރުލް އާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު 12 ލޮރީގެ ކުނި އެތަނުން ބޭރުކުރިކަމަށް، 16 އެޕްރީލް 2025 ގައި މިނިސްޓަރު ވިދާޅުވެފައިވާ އިރު، އެތަކެތީގެ ރިކޯޑުތައް ނުވަތަ، ފޮޓޯ އާއި ވީޑިއޯ ނަގާފައިވޭތޯ، އާއި އެތަނުގައި ހުރި އާސާރީތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ނައްތާލާފައި ނުވާކަން ޔަގީންކުރެއްވިތޯ، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު ކުރެއްވި މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގައުމީ ދާރުލްއަސާރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކަކީ، އިމާރާތުގެ ބޭރު ސަރަހައްދާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.

"އާސާރުގެ ގޮތުގައި ހިމެނޭ ކިތަންމެ އެއްޗެއް ދާރުލް އާސާރު ހުންނަ އިމާރާތުގެ ބޭރުގައިވެސް އާސާރުގެ ގޮތުގައި ބެހެއްޓިފައި އެބަހުރި، އެގޮތުން މިސަރަހައްދާއި ދާރުލްއާސާރު ހުންނަ އިމާރާތަށް އިތުރު ތަރައްގީ ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކުރިން އެތަނުގައި ހުރި އެތައް ބައިވަރު ކުންޏެއް ވަނީ ނަގާ އުކާލެވިފައި، އޭގެ ތެރޭގައި އިމާރާތުގެ އެތެރޭގައިހުން ކުންޏާއި ބޭރުން، ދާރުލްއާސާރުގެ ގޯތިތެރޭގައި ހުރިކުނި ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެތަނުން އުކާލި ކުންޏަކީ ނައްތާލަން ޖެހޭ ކުނިކަމަށް ކަނޑައެޅީ، މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބާވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް މުދާ ނީލަން ކިއުމާއި، ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގައިވާގޮތުގެމަތީން ކަމަށެވެ.

ދާއުލް އާސަރުގެ އެތެރެއިން އުކާލި ކުނި ހުރީ އާސާރީ ތަކެތި ހުންނަ ބައިގައި ނޫން ކަމަށާއި، އެހެންކަމުން، ދާރުލްއާސާރުގައި ހިމެނޭ އެއްވެސް ތަރިކައެއް ނައްތާލާފައި ނުވާނެ ކަމަށް ޔަގީންކުރައްވައިފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.