ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް 80 ރަށެއްގައި ކުރިޔަށްގެންދާ ކަމަށް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފިކުރީ ގޮތުން މީހާ އަޅުވެތިވުން، ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުން ނުވަތަ ވަރަށް ގިނަ ކުޑަކުދިންނަށް ކުރިމަތިވުމުން، ދިވެހިންގެ ތަރިކަތަކާ އާއި، ދިވެހިންގެ އަމިއްލަ ވަންތަކަމާ ދުރަށްދާކަން ފާހަގަކުރެވޭ ކަމަށެވެ.

މިކަންކަމަށް ހައްލުހޯދުމަށް ކުރިޔަށްގެންދާ އެއް މަސައްކަތުގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގައި މިހާރު ނެތެމުންގެންދާ ދިވެހި ބަސް ނެތެމުން ދިއުމުން 100 އަަހަރުގެ ތެރޭގައި އަންނާނީ ކޮންބަދަލެއްތޯ އާއި ނުވަތަ 15 އަހަރުގެ ތެރޭގައި އަންނާނީ ކޮންބަދަލެއްތޯ ބަލައި ދިރާސާކުރުން ކަމަށެވެ.

"80 ވަރަކަށް ރަށުގައި މި މަސައްކަތް އެބަކުރެވޭ. ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތް. އެއީވެސް މިއާ ގުޅިފައިވާ މަަސައްކަތްތަކެއް. އެ މީހުންގެ އުމުރުގެ ތަޖުރިބާތައް ރެކޯޑް ކުރުން، އެއީ އޯރަލް ހިސްޓްރީ ކަލެކްޝަން. އެއީ ދުވަސްވީ މީހުންގެ ހަދާންތައް އެއްކުރުން. މި ލިބޭ މައުލޫމާތުން ދެންމެ މި ދެންނެވި މައްސަލަތަކަށް ވަރަށް ބޮޑު ފަރުވާޔަކަށްވާނެ އެކަންތައް." ނަސީރު ވިދާޅުވިއެވެ.

އެޔާއެކުއެކީގައި ރައީސް ޑރ، މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މި ދައުރުގައި ތައުލީމީ ޖީލެއް އުފެއްދުން ބިނާކުރުމުގެ ދަށުން، އެކަމަށްޓަކައި 50 ދިރާސާވެރިން ނެގިގެން، މާސްޓާސްލެވެލްގެ ކޯހެއް ސަރުކާރުން ހިލޭ ކުރިޔަށް ގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ކުރެވޭ މަސައްކަތަކަކީ ގައުމީ ރިހުމަށް ލުޔެއް ލިބިދޭނެ ކަމެއް. ބަހާ، ސަގާފަތާއި ތަރިކަޔާއި މިކަންކަން ހީނަރު ވުމަކީ ގައުމެއްގެ ދެމިއޮތުމަށް ބަލާއިރު ވަރަށް ނުރައްކާތެރި ސިގުނަލެއް. އެކަންކަން ހަރުދަނާ ކުރަންޖެހޭ، ރަނގަޅުކުރަންޖެހޭ." ހެރިޓޭޖް މިނިސްޓަރު ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ ރައީސް ވަނީ މިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އާ ދިރުމެއް ދެއްވާފައި ކަމަށާއި މިކަންކަމާގުޅޭ އިނާމުތައް ބޮޑުކޮށްދެއްވާފައި ކަމަށެވެ. އަދި މުވައްސަސާތައް އުފައްދައި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހީވާގި ކަމާއެކު މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.