މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ވައިގެ ސަރަހައްދުގެ ސަލާމަތީ ނުރައްކާތަކާ ގުޅިގެން، ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ދުބާއީއަށް ކުރާ ދަތުރުތައް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މެދުކަނޑާލައިފިއެވެ. މި ނިންމުމުގެ ސަބަބުން ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
ބްރިޓިޝް އެއަރވޭސްއިން ބުނި ގޮތުގައި، ލަންޑަނާއި ދުބާއީއާ ދެމެދު ކުރާ ދަތުރުތައް އޮކްޓޯބަރު 25 ގެ ނިޔަލަށް ވަނީ ކެންސަލްކޮށްފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހާލަތު އޮތް ގޮތުން ކަސްޓަމަރުންނަށް ޔަގީންކަން ދިނުމުގެ ގޮތުން ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން، ލުފްތަންސާ ގްރޫޕުގެ ޔޫރޯވިންގްސް އާއި ލެޓްވިއާގެ އެއަރބޯލްޓިކް ފަދަ އެއަރލައިންތަކުން ވެސް ވަނީ އޮކްޓޯބަރު 24 އާ ހަމައަށް ދުބާއީގެ ދަތުރުތައް މެދުކަނޑާލާފައެވެ.
މި ދަތުރުތައް މެދުކަނޑާލަން ޖެހުނު މައިގަނޑު ސަބަބަކީ އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދާދި ފަހުން ކުވައިތު އިންޓަނޭޝަނަލް އެއަރޕޯޓަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން ވައިގެ ސަރަހައްދުގެ ރައްކާތެރިކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކެވެ.
އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ކަމުގެ ސަބަބުން ސަރަހައްދީ ގުޅުންތަކަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ގެ ޑިރެކްޓަރ ޖެނެރަލް ވިލީ ވޯލްޝް ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެއާލައިންތަކަށް އޮތް ޑިމާންޑް ވަނީ 46.6 އިންސައްތަ ދަށަށް ގޮސްފައެވެ.
ބޭރުގެ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލި ނަމަވެސް، ޔޫއޭއީގެ އެމިރޭޓްސް އިން އަންނަނީ މަދުކުރެވިފައިވާ ޝެޑިއުލަކާއެކު ދަތުރުތައް ކުރިއަށްގެންދަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދަތުރުތައް ކެންސަލްވި ފަސިންޖަރުންނަށް އިތުރު އަގަކާ ނުލައި ޓިކެޓު ބަދަލުކުރުމުގެ ފުރުސަތު ނުވަތަ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އެއާލައިންތަކުން ވަނީ ހުޅުވާލާފައެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓް ސްޓޭޓަސް ޗެކްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.
ދުބާއީ
ދުބާއީ
ދުބާއީ
ދުބާއީ