ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތަކަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 35 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނެފައިވާ ގޮތުގައި، އިއްޔެ ހެނދުނު މި ބިންހެލުން އައިސްފައިވަނީ 33 ކިލޯމީޓަރު އަޑިންނެވެ.
މި ހާދިސާއާ ގުޅިގެން ފިލިޕީންސްގެ އޮފީސް އޮފް ސިވިލް ޑިފެންސުން ބުނި ގޮތުގައި، ގިނަ ބަޔަކު މަރުވެފައިވަނީ އިމާރާތްތައް ވެއްޓުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. ހާއްސަކޮށް ސަރަންގާނީ ޕްރޮވިންސްގެ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ގްލާންގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތަކެއް ވަޅުލެވުމުގެ ސަބަބުން 13 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން 12 މީހަކު ގެއްލިފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.
ސަރަންގާނީގެ ކާރިސާތަކާބެހޭ އިދާރާގެ އޮފިޝަލެއް ކަމަށްވާ ރެނޭ ޕުންޒަލާން ވިދާޅުވާ ގޮތުގައި، ބިންހެލުމާއެކު ވަގުތުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފައެވެ. ޖެނެރަލް ސަންޓޯސް ސިޓީގައި ވެސް އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޗުއްޓީއަށްފަހު ސްކޫލްތައް ހުޅުވި ދުވަސް ކަމަށްވުމުން، ދަރިވަރުންގެ ސަލާމަތަށްޓަކައި 6،000 އަށްވުރެ ގިނަ ސްކޫލް ވަނީ ބަންދުކޮށްފައެވެ. އަދި ޖެނެރަލް ސަންޓޯސް އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
ބިންހެލުމާ ގުޅިގެން ފިލިޕީންސާއި އިންޑޮނީޝިއާ އަދި ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން އެ އިންޒާރުތައް ވަނީ ބާތިލުކޮށްފައެވެ. ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީން ބުނެފައިވާ ގޮތުގައި، މައި ބިންހެލުމަށްފަހު 130 އަށްވުރެ ގިނަ ލޮޅުން ވަނީ އައިސްފައެވެ.
ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މިންޑަނާއޯގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. މިހާރުވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް
ޕިލިޕީންސް