ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތް، ނުވަތަ "ފީފާ ވޯލްޑް ކަޕް" ނުވަތަ "ވޯލްޑް ކަޕް" ގައި މިއަދާ ހަމަޔަށް ވޯލްޑް ކަޕްގެ 22 މުބާރާތް ބޭއްވިފައި ވެއެވެ. އެ މުބާރާތްތަކުގައި ފީފާގެ މެންބަރު ގައުމުތަކުގެ ތެރެއިން 80 ގައުމެއް ވާދަ ކޮށްފައި ވެއެވެ. މިހައިތަނަށް މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ހާސިލު ކޮށްފައި ވަނީ އަށް ގައުމެކެވެ. އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ފުޓުބޯޅައިގެ ރަސްގެފާނުގެ ލަގަބު ދެވިފައި ވާ ބްރެޒިލެވެ. ބްރެޒިލް ވަނީ މުބާރާތުގެ ތަށި 5 ފަހަރު އުފުލައިލައިފައެވެ.
މުބާރާތުގެ ފެށުން
ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރީން ހިމެނޭ ގައުމީ ޓީމުތައް ވާދަ ކުރާ ފުޓުބޯޅަ މުބާރާތެއްގެ ހިޔާލު ވުޖޫދަށް އައީ، 1932 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސްގައި ބޭއްވުނު ހޫނު މޫސުމުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ޕްލޭންތައް ހެދުނު އިރު، ފުޓުބޯޅަ އިވެންޓު ނުހިމެނުމަށް ޔުނައިޓެޑް ސްޓޭޓްސްގެ ކަމާބެހޭ ފަރާތްތަކާއި އޮލިމްޕިކްސް އިދާރާއިން ނިންމުމާ ގުޅިގެންނެވެ. އެއިރު ފީފާގެ ރައީސަކަށް ހުންނެވީ ފަރަންސޭސި ވިލާތުގެ ޖޫލްސް ރީމޭއެވެ. ފީފާގެ އަމިއްލަ މުބާރާތެއްގެ ގޮތުގައި، ޕްރޮފެޝަނަލް ގައުމީ ޓީމުތައް ވާދަ ކުރާ ބައިނަލްއަގުވާމީ މުބާރާތެއްގެ ގޮތުގައި ވޯލްޑްކަޕް ތައާރަފު ކުރުމުގެ ބާނީ އަކީ އޭނާއެވެ. އޭނާގެ ހިޔާލު 1928 ވަނަ އަހަރު އޮތް ފީފާގެ އިދާރީ ބައްދަލުވުމަށް ހުށައެޅި، އެ ހުށައެޅުން ފާސް ވުމާ ގުޅިގެން ފީފާއިން ފުރަތަމަ ވޯލްޑްކަޕް ބޭއްވުމުގެ ތައްޔާރީތައް ފެށިއެވެ.
ފުރަތަމަ ވޯލްޑްކަޕް
ފުރަތަމަ ވޯލްޑްކަޕް ބޭއްވުމަށް ޓަކައި ޖޫލްސް ރީމޭގެ އެދުމާ އެއްގޮތަށް ފީފާއިން އިހުތިޔާރު ކުރި ގައުމަކީ ދެކުނު އެމެރިކާގެ އުރުގުއާއީއެވެ. އުރުގުއާއީ އިހުތިޔާރު ކުރެވުނު އެއް ސަބަބަކީ، އޭގެ ކުރީން ބޭއްވުނު އޮލިމްޕިކްސް ފުޓުބޯޅަ އިވެންޓުގެ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އުރުގުއާއީ ކަމުގައި ވުމުގެ އިތުރުން، މުބާރާތް ބޭއްވުމަށް ތާވަލު ކުރެވުނު 1930 ވަނަ އަހަރަކީ އެ ގައުމުގެ ސަތޭކަ ވަނަ މިނިވަން ދުވަސް ކަމަށް ވާތީ، އެކަމުގެ އިހްތިފާލުތަކުގެ ތެރޭގައި މުބާރާތް ވެސް ހިމެނުމެވެ.
އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވުނު މުބާރާތަށް ޔޫރަޕުން ދިޔައީ 4 ޓީމެވެ. އެއީ ބެލްޖިއަމާއި ފަރަންސޭސި ވިލާތާއި ރޮމޭނިއާ އާއި ހަންގެރީއެވެ. ޔޫރަޕުން ދެކުނު އެމެރިކާއަށް ކުރާން ޖެހޭ ކަނޑުދަތުރުގެ ދިގުކަމާއި ހަރަދު ބޮޑު ކަމަށް ޓަކައި، ޔޫރަޕުގެ ގިނަ ގައުމުތައް މުބާރާތުގައި ބައިވެރި ވާކަށް ބޭނުމެއް ނުވިއެވެ. ދެކުނު އެމެރިކާ އާއި އުތުރު އެމެރިކާއިން ބައިވެރި ވި 9 ޓީމާ އެކު، މުބާރާތުގައި ޖުމުލަ 13 ޓީމު ވާދަ ކުރިއެވެ. ޗެންޕިއަންކަން ހޯދީ އުރުގުއާއީއެވެ.
މުހިއްމު އުސްއަލިތައް
- ވޯލްޑްކަޕްގައި ފުރަތަމަ ކުޅެވުނީ ފަރަންސޭސި ވިލާތާއި މެކްސިކޯ ކުޅުނު މެޗާއި، ޔުނައިޓެޑް ސްޓޭޓްސް އާއި ބެލްޖިޔަމް ކުޅުނު މެޗެވެ. 1930 ވަނަ އަހަރު އުރުގުއާއީގައި އޮތް މުބާރާތުގައި މި ދެ މެޗު ކުޅެވުނީ އެއްފަހަރާއެވެ. މި މެޗުތައް ކާމިޔާބު ކުރީ ފަރަންސޭސި ވިލާތާއި އެމެރިކާއެވެ. 1930 އިން ފެށިގެން ވޯލްޑްކަޕް ބާއްވަމުން އައި ގޮތަށް ބަލާ އިރު، ހަތަރުވަނަ ވޯލްޑްކަޕް 1942 ގައި، އަދި ފަސްވަނަ ވޯލްޑްކަޕް 1946 ގައި ބާއްވާން ޖެހެއެވެ. ނަމަވެސް 1939 އިން 1945 އާ ހަމަޔަށް ޔޫރަޕުގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުން ދިޔުމުގެ ސަބަބުން މި ދެ އަހަރު ވެސް މުބާރާތް ބޭއްވިފައެއް ނުވެއެވެ. ހަތަރުވަނަ ވޯލްޑްކަޕް ބޭއްވުނީ، އެހެންކަމުން، ދިގު މެދުކެނޑުމަކަށް ފަހު 1950 ގައެވެ.
- ވޯލްޑްކަޕް 1950 އަށް 16 ޓީމު ކޮލިފައިވުމަށް ފަހު، ފަހު ވަގުތު 3 ޓީމު މުބާރާތަށް ނުދިޔުމުން، މުބާރާތް ބޭއްވިފައި ވަނީ 13 ޓީމުގެ މެދުގައެވެ. މިއީ މުބާރާތުގެ ޓީމުތައް 4 ޓީމުގެ ގުރޫޕުތަކަކަށް ބަހައިލެވިގެން ކުޅެވުނު ފުރަތަމަ ވޯލްޑްކަޕެވެ. ވޯލްޑްކަޕްގެ ފުރަތަމަ ތިން މުބާރާތުގައި ސިޔާސީ ނުވަތަ އެފަދަ އެހެނިހެން ސަބަބުތަކާ ހުރެ ބައިވެރި ނުވެ ތިބެފައި، އިންގްލެންޑް އަލަށް ބައިވެރި ވި ވޯލްޑްކަޕަކީ ވެސް މިއެވެ. މި މުބާރާތުގެ ހާއްސަ އަނެއް ކަމަކީ، އެއް މެޗުގެ ފައިނަލެއް ނުކުޅޭ ހަމައެކަނި މުބާރާތަކީ މިއީ ކަމަށް ވުމެވެ. މި މުބާރާތުގެ ޗެމްޕިއަނުން ކަނޑައެޅީ، ގުރޫޕުތަކުން އެއްވަނަޔަށް ދިޔަ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލަށް މެޗުތަކެއް ކުޅެ، އެންމެ ގިނަ މެޗުން މޮޅު ވި ޓީމަށް ތަށި ދޭ އުސޫލުންނެވެ.
- ވޯލްޑްކަޕް 1958 އާއި، ވޯލްޑްކަޕް 1962 ގެ އެންމެ ހާއްސަ ކަމަކީ ޕެލޭއެވެ. ހަވަނަ ވޯލްޑްކަޕް ބޭއްވުނު އިރު، ޕެލޭގެ ޢުމުރަކީ އެންމެ ސަތާރަ އަހަރެވެ. އެ މުބާރާތުގެ ފައިނަލުގައި ސްވިޑްން ބަލި ކޮށް ބްރެޒިލް ފުރަތަމަ ފަހަރަށް ތަށި އުފުލައިލި އިރު، ފައިނަލުގައި ޕެލޭ ދެ ލަނޑު ޖެހިއެވެ. ނަސީބު ދެރަކަމުން، 1962 ގެ މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް މޮޅު ކޮށްދިނުމަށް ޓަކައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ދެވަނަ މެޗުގައި އަނިޔާ ވެގެން ޕެލޭ މުބާރާތުން ވަކި ވާން ޖެހުނީއެވެ. 1966 ގައި ބޭއްވުނު އަށްވަނަ ވޯލްޑްކަޕުގެ ވެސް މައިގަނޑު އެއް ވާހަކަ އަކީ ޕެލޭއެވެ. އެ މުބާރާތަށް އައި އިރު ޕެލޭ އަކީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ކަމާ މެދު އެއްވެސް ބަހުސެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން ޕެލޭ ހުއްޓުވުމަށް ޓަކައި ތަޅައިފޮޅައި އަނިޔާ ކުރުމުގެ "އުކުޅު" ބޭނުން ކޮށްގެން ޕެލޭ އާއި ބްރެޒިލްގެ މޮޅު އެތައް ކުޅުންތެރީންނެއް ހުއްޓުވައި، އިދިކޮޅު ޓީމުތަކުން ބްރެޒިލް މުބާރާތުގެ ފުރަތަމަ ބުރުން ބޭރު ކޮށްލީއެވެ.
- ވޯލްޑްކަޕް 1986 ވެގެން ދިޔައީ އަނެއްކާވެސް ވަރަށް ހާއްސަ މުބާރާތަކަށެވެ. މުބާރާތުގެ އެންމެ ހާއްސަ ކަމަކީ އާޖެންޓީނާގެ ތަރި ޑިއެގޯ މަރަޑޯނާއެވެ. ކުއާޓަރ ފައިނަލުގައި އިނގިރޭސީން އަތުން އާޖެންޓީނާ މޮޅު ވީ މަރަޑޯނާގެ ވަރަށް ހާއްސަ ދެ ލަނޑުންނެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑަކީ އޭނާ އަތުން ޖެހި ލަނޑެކެވެ. ދެވަނަ ލަނޑަކީ މުޅި އިނގިރޭސި ޓީމު ކަހަލަ ގޮތަކަށް ކަޓުވައިފައި ގޮސް ގޯލް ކީޕަރު އަތުން ވެސް ނައްޓައިފައި އޭނާ ޖެހި ލަނޑެކެވެ. ފައިނަލުގައި ހުޅަނގު ޖަރުމަން އަތުން މޮޅު ވެގެން މުބާރާތުގެ ތަށި ހޯދީ ވެސް އާޖެންޓީނާއެވެ.
- 1986 ގައި އާޖެންޓީނާއަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމުގައި، އަދި 1990 ގައި މުބާރާތުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި މަރަޑޯނާ އަދާ ކުރި މުހިއްމު ދައުރަށް ފަހު، 1994 ގެ މުބާރާތުން އާޖެންޓީނާއަށް ކުރިމަތިވި ހިތްދަތިކަމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މަރަޑޯނާއެވެ. މުބާރާތް ފެށުނު އިރު އެންމެ އުއްމީދީ އެއް ޓީމުގެ ގޮތުގައި އޮތް އާޖެންޓީނާއަށް މުބާރާތުގައި ލިބުނު އެންމެ ބޮޑު ޝޮކަކީ، މުބާރާތުގެ ތެރޭގައި މަރަޑޯނާ މަސްތުވާ ތަކެތި ބޭނުން ކުރި ކަން ފަޅާ އަރައިގެން އޭނާ މުބާރާތުން ބޭރު ކޮށްލިކޮށްލުމެވެ.
- ވޯލްޑް ކަޕް 1998 އަކީ އެތައް ބަޔަކަށް ހަނދާނުން ފޮހެލާން ދަތި މުބާރާތެކެވެ. ފަރަންސޭސި ވިލާތުގައި މުބާރާތް ބޭއްވުނު އިރު، ފަރަންސޭސި ޓީމުގެ މެދުތެރެއަށް ކުޅުނު ޒައިނުއްދީން ޒިދާން ދެއްކި މޮޅު ކުޅުމަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފާހަގަ ކޮށްލެވޭ ހާއްސަ ކުޅުމެކެވެ. މުބާރާތަށް ތައްޔާރު ވަމުން އައި އިރު، ދުނިޔޭގެ އެންމެ މޮޅު ފޯވާޑުގެ ގޮތުގައި ހުރި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއަށް މުބާރާތް ވެގެން ދިޔައީ ހިތްދަތި ތަޖުރިބާއަކަށެވެ. މުބާރާތުގެ ގޯލްޑަން ބޫޓު އޭނާއަށް ގެއްލުނު އިރު، ފައިނަލުގައި ބްރެޒިލް ބަލި ވީ ރޮނާލްޑޯއަށް މެޗުގެ ކުރީން ފިޓު ޖެހި، ސިއްހީ ގޮތުން އުނދަގޫ ހާލަތެއްގައި ހުރެ އޭނާ މެޗަށް އަރައި މެޗުގައި ރަނގަޅު ކުޅުމެއް ނުދެއްކިއެވެ. ނަމަވެސް މި ހިތްދަތި ތަޖުރިބާ މާޒީގެ ތެރެޔަށް ދޫ ކޮށް، ބްރެޒިލާއި މުޅި ދުނިޔޭގެ ލޯބި ރޮނާލްޑޯ ހޯދީ ދެން އައި ވޯލްޑްކަޕް 2002 ގައި ދެއްކި މޮޅު ކުޅުމާ އެކުއެވެ. 2002 ގެ ގޯލްޑަން ބޫޓު ރޮނާލްޑޯ ހޯދި އިރު، ފައިނަލުގައި ބްރެޒިލް ޖަރުމަން ބަލި ކުރީ ރޮނާލްޑޯގެ 2 ލަނޑުންނެވެ.
- 1998 ގެ މުބާރާތުގައި ފްރާންސްގެ ތަރިއަކަށް ވި ޒައިނުއްދީން ޒިދާނަށް ޓަކައި، 2006 ގެ ވޯލްޑްކަޕަކީ ހިތްދަތި ތަޖުރިބާއެކެވެ. ޒިދާންގެ އެހީއާ އެކު ދެވަނަ ފަހަރަށް ދުނިޔޭގެ ޗެންޕިއަންކަން ހޯދާނޭ ކަމަށް ބެލެވިފައި ވަނިކޮށް، ފައިނަލުގައި އިޓަލީ އަތުން ފްރާންސް ބަލި ވީއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ޒިދާނެވެ. އިޓަލީ ލަނޑެއް ޖަހައި އެއްވަރު ކޮށްފައި އޮއްވައި، ޒިދާނާ ދެކޮޅަށް އިޓަލީގެ މާރކޯ މަޓެރާޒީ ތަކުރާރުކޮށް ނަސްލީ ގޮތުން ދިމާ ކުރަމުން ދިޔަދިޔުމާ މެދު ޒިދާން ރުޅި އައިސް އޭނާގެ މޭގައި ބޮލުން ޖަހައި ކުރި ފައުލާ ގުޅިގެން، ޒިދާނަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވައިލެވުނެވެ.
- އެންމެ ފަހުން ބޭއްވުނު ވޯލްޑްކަޕް، ގަޠަރު 2022، އަކީ މިހައިތަނަށް އެންމެ ކާމިޔާބު ވޯލްޑްކަޕް ކަމަށް ބުނެވިދާނެއެވެ. އެ ވޯލްޑްކަޕަކީ އިސްލާމީ ގައުމެއްގައި ބޭއްވުނު ފުރަތަމަ ވޯލްޑްކަޕެވެ. އެތައް ބަޔަކު ދެކޮޅު ހަދަމުން، ޕްރެޝަރު ކުރަމުން ދަނިކޮށް ވެސް، ގަޠަރުން ވަނީ އެ މުބާރާތުގައި ބަނގުރާ ވިއްކުމާއި، އިސްލާމް ދީން ހުއްދަ ނުކުރާ ބައެއް ފަލްސަފާތައް ޕްރޮމޯޓް ކުރުން ފަދަ ކަންކަން މުޅީން މަނާ ކޮށްފައެވެ. މުބާރާތުގެ ތެރޭގައި އަދި މުބާރާތުގެ ފަހުން، އެތައް ބަޔަކު އެ ގޮތުން ގަޠަރުން ގެންގުޅުނު ސިޔާސަތުތައް ފުރިހަމަކަން ފާހަގަ ކޮށް، އެ މުބާރާތަކީ އެންމެ ރައްކާތެރި، އެންމެ އަމާންކޮށް، އަދި ހުރިހައި ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހުމާ އެކު މުބާރާތަށް އެންޖޯއި ކޮށްލެވުނު ވޯލްޑްކަޕްކަން ފާހަގަ ކޮށްފައެވެ. އެ މުބާރާތާ އެކު ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމް ދީނުގެ ފުރިހަމަކަން ފެނިގެން ގޮސް، ހާހަކަށް ވުރެ ގިނަ މީހުން އިސްލާމް ވެފައި ވެސް ވެއެވެ.
- ވޯލްޑްކަޕްގެ ފުރަތަމަ މުބާރާތުގައި 13 ޓީމު ވާދަ ކުރުމަށް ފަހު، 1934 ވަނަ އަހަރުން ފެށިގެން ކޮންމެ މުބާރާތެއްގައި ވާދަ ކުރަމުން އައީ 16 ޓީމެވެ. މި ޢަދަދު 24 އަށް ބަދަލު ކުރެވުނީ 1982 ގައެވެ. 32 އަށް ބަދަލު ކުރެވުނީ 1998 ގައެވެ. 2026 ވަނަ އަހަރުން ފެށިގެން ވޯލްޑްކަޕްގައި 48 ޓީމު ކުޅޭނެއެވެ. މިހައިތަނަށް 22 ވޯލްޑްކަޕް ބޭއްވިފައި ވާއިރު، ޔޫރަޕާއި ދެކުނު އެމެރިކާ ފިޔަވައި އެހެން ސަރަހައްދެއްގެ ޓީމަކަށް މިހައިތަނަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި 5 ކުޅުންތެރީން
މިރޮސްލާވް ކްލޯސޭ، ޖަރުމަން – 16 ލަނޑު
ރޮނާލްޑޯ ނަޒާރިއޯ، ބްރެޒިލް – 15 ލަނޑު
ގާޑް މުލާ، ޖަރުމަން – 14 ލަނޑު
ޖަސްޓް ފޮންޓެއިން، ފަރަންސޭސި ވިލާތް – 13 ލަނޑު
ލިއޮނަލް މެސީ، އާޖެންޓީނާ - 13 ލަނޑު
އަލް އުސްތާޛް އަޙްމަދު މާޖިދު


ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް