އޯޓީޓީ ޕްލެޓްފޯމުތަކުގެ ސަބަބުން ފިލްމު އުފެއްދުމުގެ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އައިސް، ޕްރޮޑިއުސަރުން ރިސްކު ނަގަން ފަސްޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނި ގޮތުގައި، ފިލްމީ ސިނާއަތަށް މިހާރު މަޑުޖެހުމެއް އައިސްފައިވަނީ އާ ތަޖުރިބާތައް ކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތެއްގެ ގޮތުގައި އޯޓީޓީ ޕްލެޓްފޯމުތައް ހިޔާރުކުރުމަށް ޕްރޮޑިއުސަރުން ބޭނުންވާތީއެވެ. މީގެ ސަބަބުން ތަފާތު އާ ހިޔާލުތަކަށް އުފައްދާ ފިލްމުތައް މަދުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ފިލްމު އުފެއްދުމުގެ ހަރަދުތަކާއި ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ޕްރޮޑިއުސަރުން އެގޮތަށް އަމަލުކުރުމަކީ ގޯހެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.
ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ނިންމުންތަކަށް އަސަރުކޮށްފައިވާއިރު، ޝިލްޕާ މިހާރު އިސްކަންދެނީ ސިނަމާތަކުގައި އަޅުވާ ފިލްމުތަކަށް ކަމަށް ޝިލްޕާ ބުނެއެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ އޭނާގެ ދަރިންނަށް ބޮޑު ސްކްރީނުން އޭނާ ފެނިފައި ނުވުމެވެ. 2023 ވަނަ އަހަރު ނުކުތް އޭނާގެ ފިލްމު “ސުކީ” އަށް އެކަށީގެންވާ ވަރަށް ސިނަމާތައް ނުލިބުމަކީ އެ ފިލްމަށް ދެވުނު ދެރައެއް ކަމަށް ޝިލްޕާ ސިފަކުރިއެވެ. ނަމަވެސް، ބެލުންތެރިންނަށް ފަސޭހަ ވަގުތެއްގައި ފިލްމު ބަލައިލުމުގެ ފުރުސަތު ލިބޭތީ އޯޓީޓީއަކީވެސް މުހިންމު ޕްލެޓްފޯމެއް ކަމަށް ޝިލްޕާ ބުނެފައިވެއެވެ.
ފިލްމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ޝިލްޕާ އިތުރަށް ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އޭނާ މަސައްކަތްކުރާނީ ހުނަރު އެންމެ ފުރިހަމައަށް ދައްކުވައިދެވޭނެ ޕްރޮޖެކްޓުތަކުގައެވެ. ބޮޑެތި ބައެއް ފިލްމުތައް ދޫކޮށްލާފައިވާނެ ކަމަށާއި، އެ ނިންމުންތަކާމެދު ހިތާމަނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. ޝިލްޕާ މިހާރު އަންނަނީ ޒީ5 އިން ގެނެސްދޭ ކައްކާ ޝޯއެއް ކަމަށްވާ “މާ ހޭ ނާ” ހޯސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު