މިމަހުގެ 11 ވަނަ ދުވަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފަށާ ވޯލްޑް ކަޕަށް ދިޔަ އިރާނުގެ ޓީމުން މިއަދު މެކްސިކޯގައި ކޭމްޕް ކޮށްފިއެވެ.

އިރާނަކީ މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުފައިވާ ޓީމެވެ. އެމެރިކާއާއި އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާއެކު ހަނގުރާމަ ފެށުމުން އިރާނުން މިފަހަރު ފުރަތަމަ ނިންމީ ވޯލްޑް ކަޕަށް ނުދާށެވެ. އެއީ އެމެރިކާއިން ދުނިޔޭގެ ގާނޫނުތަކާ ހިލާފުވެ، އިރާނަށް ހަމަލާދީ އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލާފައިވުމާއި، އެތައް ކުދިންނެއް މަރާލާފައިވާތީއެވެ.

އެކަމުގައި އެތައް ދެބަސްވުންތަކެއްގެ ފަހުން، ފީފާއިން މަސައްކަތްކޮށް އިރާން ވޯލްޑް ކަޕުގައި ކުޅޭނެކަމުގެ ޔަގީންކަން ހޯދި ނަމަވެސް، އަދިވެސް ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް މެޗުތައް ކުޅުމަށް އެމެރިކާއަށް ދާން އަދިވެސް ވިސާ ބޭނުންވެއެވެ.

އެމެރިކާއާއި އިރާނާ ދެމެދު އަދިވެސް ހަނގުރާމަ ހިނގަމުންދާ އިރު، މިއީ 1930 އަށްފަހު ހޯސްޓް ގައުމެއް ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމަކުން ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެމެރިކާއާ ހެދި މުޅި ވޯލްޑް ކަޕުގެ މަޝްރަހު ސިޔާސީ ވެފައިވާ އިރު، އިރާނުގެ ކުޅުންތެރިންނަށް ވިސާ ހަމަޖެހުނީ އިއްޔެއެވެ. އެއީވެސް ކުޅުންތެރިންނަށެވެ.

އިރާނުގެ ފުޓުބޯޅަ އިދާރާއިން ބުނީ ޓީމުގައި ހިމެނޭ 70 މީހުންގެ ތެރެއިން 15 މީހަކަށް އަދިވެސް ވިސާ ހަމަނުޖެހޭ ކަމަށެވެ. އަދި އެމެރިކާއިން ފީފާއަށް ވި ވައުދާ ހިލާފުވެފައިވާ ކަމަށްވެސް އިރާނުން ބުނެފައިވެއެވެ. އެމެރިކާއިން އެކަމުގައި ބުނީ ޓީމަށް ވިސާ ދީފި ކަމަށާއި، ވޯލްޑް ކަޕް ބޭނުންކޮށްގެން އެމެރިކާއަށް ނިރުބަވެރިން ވައްދަން ބޭނުން ނުވާ ކަމަށެވެ.

އެ ހާލަތުގައި ކަންކަން އޮތް އިރު، މެކްސިކޯގެ ކޭމްޕަށް އިރާން ޓީމު ގެންދިޔައީވެސް ފުލް ސެކިއުރިޓީގައެވެ. ތުރުކީގައި ކޭމްޕް ކުރުމަށްފަހު އިރާނުން މެކްސިކޯއަށް ގޮސްފައިވާ އިރު، ބަހުގައި ދިޔައީ ގައުމީ ދިދަ ވިހުރުވަމުންނެވެ. މިއީ އިރާނަށް ތަފާތު ވޯލްޑް ކަޕަކަށްވާނެ ކަމަށް މީގެ ކުރިންވެސް އެޓީމުގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.