އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ބާތަރސްޓްގައި ވިޔަފާރި އުސޫލުން ސޫފި އާލާކުރާ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ގެންގުޅުނު އެއްލައްކައަށްވުރެ ގިނަ ދިރޭ ކުރަފި އެ ގައުމުގެ ބަޔޯސެކިއުރިޓީ އޮފިޝަލުން އަތުލައިގަނެފިއެވެ. މިއީ އޮސްޓްރޭލިއާގެ ތާރީހުގައިވެސް ގަވައިދާ ހިލާފަށް އެތެރެކޮށްފައިވާ މިފަދަ ސޫފި އަތުލައިގަތް އެންމެ ބޮޑު އޮޕަރޭޝަނެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ކްލައިމެޓް ޗޭންޖް، އެނަރޖީ، އެންވަޔަރަންމަންޓް އެންޑް ވޯޓަރއިން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަނެވުނު ކުރަފީގެ ތެރޭގައި ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ކުރަފީގެ ބާވަތްތައް ކަމަށްވާ "މަޑަގަސްކަރަ ހިސިންގ" ކުރަފީގެ އިތުރުން "ޑޫބިއާ" ކުރަފި ހިމެނެއެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް 200،000 އޮސްޓްރޭލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތައް ބުނެއެވެ. މަޑަގަސްކަރަ ހިސިންގ ކުރަފި އާންމުގޮތެއްގައި ދެ އިންޗިއާއި ތިން އިންޗިއާ ދެމެދުގެ ސައިޒަކަށް ބޮޑުވާއިރު، މިއީ އޮސްޓްރޭލިއާއަށް އެތެރެކުރުމާއި، ގެންގުޅުމާއި އަދި ވިއްކުން މަނާ ބާވަތްތަކެކެވެ.

އެ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް މިފަދަ ސޫފިތައް ގެންގުޅުމަކީ އޮސްޓްރޭލިއާގެ ގުދުރަތީ ވެއްޓަށާއި ދަނޑުވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިފަދަ ތަކެތީގެ ސަބަބުން އާ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް މިފަދަ ތަކެތި ގެންގުޅޭ ފަރާތްތަކާމެދު ފެޑެރަލް ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ތަރުޖަމާނު ދެއްވިއެވެ.

އިންވޭސިވް ސްޕީޝީޒް ކައުންސިލްގެ ޕޮލިސީ ޑިރެކްޓަރ ޑރ. ކެރޮލް ބޫތު ވިދާޅުވި ގޮތުގައި، މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ބާވަތްތައް ޖަންގަލީގެ ތެރެއަށް ފެތުރިއްޖެނަމަ، އޮސްޓްރޭލިއާގެ އަސްލު ސޫފިތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ނުރައްކާތެރި ޕެރަސައިޓްތައް ފެތުރުމުގެ ބިރު އެބައޮތެވެ.

މި ކުރަފިތަކަކީ އާންމުގޮތެއްގައި ގޭގައި ގެންގުޅޭ ރެޕްޓައިލް ފަދަ ޖަނަވާރުތަކަށް ކާންދިނުމަށް ވިއްކާ ތަކެއްޗެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ނިންމާފައިވަނީ އަތުލައިގަތް ކުރަފިތައް ނައްތާލުމަށެވެ. ގޭގައި ޖަނަވާރު ގެންގުޅޭ ފަރާތްތަކުން، ކާންދިނުމަށްޓަކައި ގަވާއިދާ އެއްގޮތަށް ލިބެން ހުންނަ ސޫފީގެ ބާވަތްތައް ބޭނުންކުރުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.