ސްރީލަންކާގެ ހަތަރު ޑިސްޓްރިކްޓެއްގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަލް މެނިންޖައިޓިސް ރޯގާއާ ގުޅިގެން 200 މީހަކަށް ބަލިޖެހި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯފެން ކައްކައިގެން ބޭނުންކުރުމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން އަންގައިފިއެވެ.
ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާތަނަށް 200 މީހަކަށް މި ބަލި ޖެހިފައިވާ އިރު، އޭގެ ތެރެއިން 50 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ރޯގާ އެންމެ ފުރަތަމަ ފެނިފައިވަނީ ދެނިޔާޔާ ސަރަހައްދުގެ ސްކޫލް ކުދިންތަކެއްގެ ފަރާތުންނެވެ. އޭގެ ފަހުން ދިޔަތަލާވާ، ވެލިމަޑަ އަދި ރިކިއްލަގަސްކަޑަ ހިމެނޭހެން ހަތަރު ޑިސްޓްރިކްޓަކަށް މި ބަލި ވަނީ ފެތުރިފައެވެ.
މި ދުވަސްވަރު ލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ފެނުގެ ޒަރީއާއިން ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޯފެނާއި ކާތަކެތި ތަގައްޔަރުވުމަކީ އެންޓެރޯވައިރަލް މެނިންޖައިޓިސް ފެތުރުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
މޫސުމީ ބަދަލުތަކާއި ގަދަ ވިއްސާރައިގެ ސަބަބުން މިފަދަ ވައިރަލް ރޯގާތައް ފެތުރޭ މިންވަރު އިތުރުވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންކަމުން، ކޮންމެހެން ކައްކައިގެން ނޫނީ ފެން ބޭނުން ނުކުރުމަށް ވަނީ އަންގައިފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ވައިރޮލޮޖިސްޓުންނާއި އެޕިޑެމިއޮލޮޖިސްޓުން ހިމެނޭ ހާއްސަ ޓީމެއް އެކުލަވާލައިފައެވެ. ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި، ފެނާއި ކާތަކެތީގެ އިތުރުން ކެއްސައި ކިނބިހި އަޅާއިރު ބުރައިގެންދާ ތިކީގެ ޒަރީއާއިންވެސް މި ވައިރަސް ފެތުރެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުކަމަށް ޑޮކްޓަރުން އިންޒާރުދެއެވެ.
އެހެންކަމުން، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށާއި ގިނަގިނައިން އަތްދޮވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. މިހާރުވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލި ފެތުރެމުންދާ ސަރަހައްދުތަކުގެ ހާލަތު ގާތުން މޮނިޓަރކުރަމުންނެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ