ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީއަށް ނާކާމިޔާބުވި ނަމަވެސް، ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ އެ ދާއިރާގައި ބެހެއްޓި ފޮށިތަކުން ޕީއެންސީއަށް މެޖޯރިޓީ ލިބުމަކީ މުހިއްމު ގިނަގުނަ މަސައްކަތްތަކެއް ކެރެވުނުކަމުގެ ހެއްކެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ ދާއިރާގެ ކުރިއެރުމަށް ވެސް މި ކެމްޕެއިން ތެރޭގައި. އަދި ކެމްޕެއިން މިހާ ހިސާބަށް ނިމުނަަސް، ނިމިފައި ހުރި މަސައްކަތްތަކެއްވެސް އެބަހުރި އަދި ކުރެވެމުންދާ މަސައްކަތްތަކެއް ވެސް އެބަހުރި،" ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއާއި މުޅި ހިތަދޫގެ ލާބަޔަށް ކުރާ މަސައްކަތްތައް ވެސް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށެވެ.

"މި ފަހަރު ލިބުނު ނަތީޖާގެ އަލީގައި ޕީއެންސީގެ މަސައްކަތް އިތުރަށް ފުޅާކުރާނެ، ޕާޓީގެ މަސައްކަތްތަށް އެކަމުން ކުރިއެރުން ލިބޭނެ ކަމަށް ގަބޫލުކުރަން" ރާފިއު ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެ މޮޅުވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ އަށް 1،375 ވޯޓު ލިބުނުއިރު، ސައީދު 1،313 ވޯޓު ހޯއްދެވި އެވެ.