އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މއ. އަލިތަރި، އިބްރާހިމް ރަޝާދު ނިޔާވެއްޖެއެވެ.
އިބްރާހިމް ރަޝާދު ނިޔާވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި، މއ. އަލިތަރި، އިބްރާހީމް ރަޝާދު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
"އެ މަނިކުފާނަކީ، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި އަތޮޅުވެރިކަމުގެ އިތުރުން ވެސް އެ ވަގުތަކު ދައުލަތުން ހަވާލު ކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާ އެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް. ހިކުމަތްތެރި ހިންގުންތެރި ޝަހްސިއްޔަތެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއް ކަމަށެވެ. އަދި މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައި ވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ހާއްސަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެ މަނިކުފާނު ހޯއްދަވައިފައިވޭ. ފަހުގެ ތާރީހުގައި ގައުމު ދުށް މިފަދަ ހިދުމަތްތެރި، ހުލްގު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެ މަނިކުފާނުގެ އާއިލާއަށް، އަދި ހިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، މަހްރޫމް ރަޝާދަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަހުމަތުގައި ލެހެއްޓެވުން އެދި ދުއާކުރައްވަމުންނެވެ
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު