ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ގްރީން ފަންޑުން ހަރަދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދަކީ ވަށައިގެންވާ ތިމާވެއްޓާ މެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޒުމު ވަރުގަދަ ކުރަންވީ ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދުގެ އިލްމީ ދިރާސާތަކުން ވެސް ދައްކަމުންދަނީ، ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއް ކަމަށާއި މިކަމުގައި އިސްނަގައި، ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު ވަނީ މަޖުބޫރުވެފައި ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް އަޅުގަނޑުމެން މިހާރުވެސް މި ދަނީ ތަހައްމަލުކުރަމުންނެވެ. އާދަޔާ ހިލާފަށް މޫސުން ގޯސްވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ މިއަދުގެ ދުނިޔޭގެ ހަގީގަތެވެ. މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުންނެވެ. ނަމަވެސް، އަޅުގަނޑުމެންވެސް އިސްނަގައި، ގައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނޭ ކަންކަމާމެދު ވިސްނައި، އަމަލުކުރުމަކީ މުހިއްމު ކަމެކެވެ،" ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ، އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައިވަނީ މި ހިތްގައިމު ގުދުރަތީ ސިފަތަކުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ވަށައިގެންވާ ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު ނޫކުލައިގެ މޫދާއި ފަރުތަކުގެ ހިތްގައިމު ކަމުން ކަމަށެވެ. އަދި ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ވެށީގައި އުޅޭ ވެލާކަހަނބާއި އެންމަޑި އަދި ފެހުރިހި ފަދަ ދިރުންތަކުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށެވެ. މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަގީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމައިފައެވެ. މިއީ، ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދުކުރާނޭ ފައިސާއެވެ. މިއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ އަދީ މަތީ ހަރުފަތަކަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި މޮނިޓާކުރުމުގެ މަސައްކަތްތަކަށް ކަމަށެވެ. އަދި ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި މައުލޫމާތު އާންމު ކުރުމަށާއި މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން އިތުރު ކުރުމަށްވެސް ފައިސާ ހަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެން ދިޔުން ކަމަށެވެ. އަދި މި މަސައްކަތްތަކަކީ، އެންމެން ފަހުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަގުބަލަށް ލިބިގެންދާ މަސައްކަތަަށް ވެގެން ދިޔުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތިމާވެށި
ތިމާވެށި
ތިމާވެށި
ތިމާވެށި