ނިންޓެންޑޯ ސްވިޗް 2 ކޮންސޯލްގެ އަސާސީ އަގު 50 ޑޮލަރު ބޮޑުކުރަން ނިންޓެންޑޯ ކުންފުނިން ނިންމުމާ ގުޅިގެން، ގޭމް ކުޅޭ ފަރާތްތަކުން ނުރުހުން ފާޅުކޮށްފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމެރިކާ މާކެޓުގައި މި ކޮންސޯލްގެ އަގު 449.99 ޑޮލަރުން 499.99 ޑޮލަރަށް ބޮޑުވާނެއެވެ.

މި ބަދަލާ ގުޅިގެން އާންމުންގެ ފަރާތުން އަމާޒުވަމުންދާ ފާޑުކިޔުންތައް ކުޑަކުރުމުގެ ގޮތުން، ނިންޓެންޑޯއިން ވަނީ ހާއްސަ ޕްރޮމޯޝަނަލް ޕްރީ-އޯޑާ ބަންޑަލްތަކެއް ތައާރަފުކުރަން ނިންމައިފައެވެ. މި ބަންޑަލްތަކުގައި އެންމެ ބޮޑަށް އިޝްތިހާރު ކުރަމުންދަނީ ދާދި ފަހުން ނެރެ، ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އާ ގޭމް ކަމަށްވާ “ޕޮކެމޮން ޕޮކޯޕިއާ” އެވެ. މާޗު މަހު ނެރުނު މި ގޭމްގެ ހަތަރު މިލިއަނަށްވުރެ ގިނަ ކޮޕީ މިހާރު ވަނީ ވިކިފައެވެ.

ނިންޓެންޑޯއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަގަށް މި ބަދަލު ގެންނަން ޖެހުނީ މާކެޓުގެ ހާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މިއީ ކަސްޓަމަރުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަން ގަބޫލުކުރާ ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ.

ގޭމިން ސިނާއަތުގެ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ނިކޯ ޕާޓްނާސްއިން ފާހަގަކުރި ގޮތުގައި، ކޮންސޯލް އުފެއްދުމަށް ބޭނުންކުރާ މެމޮރީގެ އަގު 41 އިންސައްތަ އުފުލިފައިވުމާއި ޓެރިފްތައް ބޮޑުވުމުގެ ސަބަބުން ކޮންސޯލްގެ އަގު ބޮޑުކުރުމަކީ ނިންޓެންޑޯއަށް މަޖުބޫރު ކަމެކެވެ.

މި ނިންމުމާ ގުޅިގެން އޮންލައިން ފޯރަމްތަކުގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ހާޑްވެއާގެ އަގު ބޮޑުވުމުގެ އިތުރުން، ސްވިޗް 2 އަށް ހާއްސަ ފިޒިކަލް ގޭމްތަކުގެ އަގުވެސް ޑިޖިޓަލް ގޭމްތަކަށްވުރެ 10 ޑޮލަރު ބޮޑުވާނެކަން ހާމަވުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންގެ ޖީބަށް ބާރުބޮޑުވެ، ކުރިއަށް އޮތް ތަނުގައި ކޮންސޯލް ވިކޭ މިންވަރަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.