ހޮރުމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަތަރު ޑްރޯނެއް ވައްޓާލުމަށްފަހު، އީރާނުގެ އައްސޭރިފަށުގައިވާ ރާޑަރު ސްޓޭޝަންތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި މިއަދު މި ހަމަލާތައް ދީފައިވަނީ އީރާނުގެ ގޯރުކް އަދި ގޭޝްމް އައިލެންޑްގައި ހުރި ސަވައިލެންސް ރާޑަރުތަކަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެޅުނު އިތުރު ހުރަހެއް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، އީރާނުން ފޮނުވާލި ޑްރޯންތަކަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑުބޯޓުފަހަރަށް އޮތް ވަގުތީ ނުރައްކަލެކެވެ. ރާޑަރު ސްޓޭޝަންތަކަށް ހަމަލާދިނީ ކުރިމަގުގައި ދީފާނެ ހަމަލާތަކުން ދިފާއުވުމުގެ ގޮތުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މި ހާދިސާއަކީ އެމެރިކާއާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ތިން މަސްދުވަސްވީ ހަނގުރާމައިގައި، އޭޕްރީލް މަހު ގާއިމުކުރި ވަގުތީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އީރާނުގެ ޑްރޯން އަދި މިސައިލް އުފައްދާ ގިނަ ކާރުހާނާތައް ހަލާކުކޮށްލެވިފައިވީ ނަމަވެސް، އަދިވެސް އީރާނުގެ އަތުގައި 21 ނުވަތަ 22 އިންސައްތަ މިސައިލް އެބަހުއްޓެވެ. އަނެއްކޮޅުން، އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އޮމާން ކަނޑުގައި އޮތް އެމެރިކާގެ ދެ މަނަވަރަކަށް އިންޒާރުގެ ގޮތުން މިސައިލްތަކެއް ފޮނުވާލާފައިވާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ މިކަން ދޮގުކޮށްފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގަކަށްވާއިރު، މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.