ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ އިރު، ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހާ ހަމައަށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެކަމަށް ބެލެވުނު ނަމަވެސް، މާދަމާއިން ފެށިގެން ވާރޭވެހޭ މިންވަރު ކޮންމެވެސް ވަރަކަށް މަދުވާނެކަމަށް މެޓުން ބުންޏެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.
މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެތީ، ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުންވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް