ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ކޮންޓްރޯލް ކުރި ނަމަވެސް، އާންމުކޮށް ބޭނުންކުރާ އެކި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފީ ދެއްކުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިދިޔަ މަހު ގެނައި ބަދަލާއެކު، ބޭރުގެ އީކޮމާސް ސައިޓުތަކުން މަހެއްގެ މައްޗަށް ކުރެވޭނެ މުއާމަލާތުގެ އަދަދު ވަނީ 30 އަށް މަދުކޮށްފައެވެ. އަދި މުޅި ރާއްޖެއަށް ދުވާލެއްގެ މައްޗަށް ބޭރު ފައިސާގެ މުއާމަލާތް ކުރެވޭނެ ވަކި ލިމިޓެއްވެސް ވަނީ ކަނޑައަޅާފައެވެ. ޑޮލަރުގެ ދަތިކަމާ ހެދި ބޭންކުން އެޅި އެ ފިޔަވަޅުގެ ސަބަބުން، ނެޓްފްލިކްސްއާއި އެޕަލް ފަދަ އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކަށް ފައިސާ ނުދެއްކިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް ބީއެމްއެލުން ރޭ ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތަކަކީ "ޑެއިލީ ފޮރިން ސްޕެންޑް" ލިމިޓުގައި ހިމެނޭކަމެއް ނޫން ކަމަށާއި، އެފަދަ ފައިސާ ދެއްކުން ބޭންކުން ހުއްޓުވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ބައެއް މާޗަންޓުން އެ ޕޭމަންޓުތައް ރިޖެކްޓް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވާ ނަމަ، ބޭންކަށް ގުޅުމުން އެ މައްސަލައަށް ވަގުތުން ހައްލެއް ހޯދައިދޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
އެކި ސަބަބުތަކާ ހެދި އެފަދަ ޕޭމަންޓުތައް ކެންސަލްވާ މައްސަލަތައް ވަރަށް ގާތުން ބަލަމުންދާކަމަށް ބީއެމްއެލުން ބުންޏެވެ.
ރައީސް އޮފީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ބޮޑު ލުޔެއް ދޭނެކަމުގެ އިޝާރާތެއް ބީއެމްއެލްއިން ދީފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް