ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، ނާޒިމް މިހާރު ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރައްވާފައެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވީ މި ހަފުތާގެ ތެރޭގައެވެ.
ނާޒިމް އެންމެ ފަހުން ހުންނެވީ ހެލްތު މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ނާޒިމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ސަރުކާރު ފެށުނުއިރު ނާޒިމް ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. އޭގެފަހުން ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ސެޕްޓެމްބަރު 30، 2024 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންފައެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަވާ ބަދަލުތަކުގެ ދަށުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނާޒިމްގެ އިތުރުން، އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް އެހެން މިނިސްޓަރުން ވެސް މިހާރު ދަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ހަމަޖައްސަވަމުންނެވެ.
އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ގަތަރުގެ ސަފީރުކަމަށް އައްޔަންކުރަން ނިންމަވާފައިވާއިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރަކަށް އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
މުހައްމަދު އިޝާން