ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއިން ބޭސް އެތެރެކުރަން ފަށައި، މިހާރު އެ ބޭސްތައް ރަށްރަށަށް ފޮނޮވުމުގެ މަސައްކަތް ފަށައިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހުގައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފެއްދުމުގެ ސަބަބުން މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ހާއްސަ ބަޔަކު އުފެދިފައިވާ ކަމަށެވެ.

"މިހާރު އެ ކުންފުނީގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ބޭސް އެތެރެކުރުމުގެ މަސައްކަތް ފަށައިފި. އެ ކުންފުނިން ވަރަށް އަވަހަށް ކުރިއެރުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދޭނެ. މިހާރު ބައެއް ބޭސްތައް ކުންފުނިން އެތެރެކޮށްގެން ސަޕްލައިކުރަން ފަށައިފި ރަށްރަށަށް" ނާޒިމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމްވަނީ އައްޔަންކުރައްވައިފިއެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަށްވެސް މިހާރުވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ދަަށަށް ބަދަލުކޮށްފައެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ އެސްޓީއޯގެ ދަށުން ހިންގާ 196 ފާމަސީއެއް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެ މަސައްކަތް ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ ހުރިހާ ފާމަސީއެއްގެ އިތުރުން، އެސްޓީއޯ ފާމަސީތަކުގައި މަސައްކަތްކުރާ 600 ވަރަކަށް މުވައްޒަފުންވެސް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރާނެކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން، ރާއްޖޭގައި ފާމަސީގެ ހިދުމަތް ދޭން ފެށީ 1984 ވަނަ އަހަރުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯއިން ބޭސް ފިހާރަ ހިންގާތާ މިހާރުވަނީ 10 ވަރަކަށް އަހަރުވެފައެވެ.