އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް މިއަދު ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ހަކަތައާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޑެލްސީ އިންޑިއާއަށް ވަޑައިގަތީ އިއްޔެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ބޭސްވެރިކަމާއި، ދަތުރުފަތުރުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ (އީސްޓް) ރޫދްރެންދުރަ ޓަންޑަން ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، އިންޑިއާއިން އަންނަނީ ތެޔޮ ހޯދާނެ އާ މަގުތައް ހޯދަމުންނެވެ. އަދި ފާއިތުވި ހަފުތާތަކުގައި ވެނެޒުއޭލާ ވެފައިވަނީ އިންޑިއާއަށް ތިންވަނައަށް އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ފޯރުކޮށްދޭ ގައުމަށެވެ.

އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަށް ވާއިރު، ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ އެއް ގައުމެވެ. އެހެންކަމުން، މި ބައްދަލުވުމަކީ ދެ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ވެސް މުހިންމު ބައްދަލުވުމެއް ކަމަށް އިންޑިއާގެ ހާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ. މި ދަތުރުފުޅުގައި ޑެލްސީގެ އަރިހުގައި ވެނެޒުއޭލާގެ ހާރިޖީ، އިގުތިސާދީ، ސައިންސާއި ޓެކްނޮލޮޖީ އަދި ދަތުރުފަތުރާ ބެހޭ ވަޒީރުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވެސް ވަނީ ޑެލްސީއާ ވަކިން ބައްދަލުކުރައްވައިފައެވެ. ޖައިޝަންކަރު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ސަބަބުން ލެޓިން އެމެރިކާ ސަރަހައްދުގައި އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތައް ކުރިއެރުވުމަށް މަގުފަހިވެ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. ވެނެޒުއޭލާގެ ވަފުދުން އިންޑިއާގެ ހަކަތައާއި އޮޓޯމޯބައިލް ސިނާއަތުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.