ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން، އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ އަންނަ ޖުލައި މަހު ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮންނާނީ ޖުލައި މަހުގެ 5 ވަނަ ދުވަހު މުމްބާއީގައި ހުންނަ އާމިރުގެ ގޭގައެވެ. މިއީ އާމިރުގެ ތިންވަނަ ކައިވެންޏެވެ.

މި ކައިވެންޏަކީ ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންނާ އެކު ބާއްވާ ހަފުލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކައިވެނީގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ހާން އާއި ސަލްމާން ހާން މި ހަފުލާގައި ބައިވެރިވުން އެކަށީގެންވާ ކަމަށްވެސް މީޑިއާތަކުން ލަފާ ކުރެއެވެ.

އުމުރުން 61 އަހަރުގެ އާމިރު އާއި 47 އަހަރުގެ ގޯރީގެ ގުޅުމުގެ ވާހަކަ އެންމެ ފުރަތަމަ އާންމު ކުރީ މިދިޔަ އަހަރުގެ މާރިޗު މަހު އާމިރުގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ. އެ ދުވަހު އާމިރު ވަނީ މީޑިއާއަށް ގޯރީ ތައާރަފު ކޮށްދީފައެވެ. އޭގެ ފަހުން އެކި ހަފުލާތަކުން ދެ މީހުން އެކުގައި ފެނިފައިވެއެވެ.

ދެ މީހުން އެކުގައި ދިރިއުޅެމުންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި އާމިރު ބުނި ގޮތުގައި، ގޯރީ އޭނާގެ ހަޔާތަށް އައުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އަދި ގޯރީއާ އެކު އޭނާގެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި ހިތުގެ އަޑިން އޭނާ ހުރީ ގޯރީއާ ކައިވެނިކޮށްގެން ކަމަށްވެސް އާމިރު ބުނެފައިވެއެވެ.

ނަމަވެސް، ޖުލައި މަހު ކައިވެނި ކުރަން އުޅޭ ކަމަށް ފެތުރެމުންދާ ހަބަރުތަކާ ގުޅޭގޮތުން އާމިރު އަދި އޭނާގެ ރަސްމީ ފަރާތަކުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އާމިރު އެންމެ ފުރަތަމަ ކައިވެނި ކުރީ ރީނާ ދައްތާއާއެވެ. އެ ކައިވެނި 2002 ވަނަ އަހަރު ރޫޅުމަށްފަހު، 2005 ވަނަ އަހަރު އޭނާ ވަނީ ޑައިރެކްޓަރު ކިރަން ރާއޯއާ ކައިވެނިކޮށްފައެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ދެ މީހުން ވަނީ ވަކިވެފައެވެ.

ގޯރީއަކީ ބެންގަލޫރަށް ނިސްބަތްވާ، ފެޝަން އަދި ބިއުޓީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިވެރިއެކެވެ. މިއީ ގޯރީގެ ވެސް ދެވަނަ ކައިވެންޏެވެ.