ކޮންގްރެސްގެ ރުހުމަކާ ނުލައި އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އިއްޔެ ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައިވަނީ 215 މެންބަރުންގެ ތާއީދާއެކުގައެވެ. ގަރާރާ ދެކޮޅަށް 208 މެމްބަރުން ވޯޓު ދެއްވިއިރު، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ހަތަރު މެންބަރަކު ވަނީ އިދިކޮޅު ޑިމޮކްރެޓުންނާ ގުޅިވަޑައިގެން ގަރާރާ އެއްކޮޅަށް ވޯޓު ދެއްވައިފައެވެ.
މި ގަރާރުގެ މަގުސަދަކީ އެމެރިކާގެ ގާނޫނުއަސާސީން ކޮންގްރެސްއަށް ދީފައިވާ ހަނގުރާމަ އިއުލާނުކުރުމުގެ ބާރު ކަށަވަރުކުރުމެވެ. ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންގްރެސްއިން އިތުރު އަސްކަރީ ފިޔަވަޅަކަށް ހުއްދަ ނުދޭހާ ހިނދަކު، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން އެމެރިކާގެ ސިފައިން ބާލަން ޓްރަމްޕަށް ލާޒިމުވާނެއެވެ. ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ގްރެގަރީ މީކްސް ވިދާޅުވި ގޮތުގައި، މިއީ ރައީސް ރަނގަޅު ގޮތް އިހުތިޔާރުކުރައްވަންވީ ވަގުތެވެ. އޭނާ ވަނީ މި ހަނގުރާމައިގެ ސަބަބުން އާންމުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތައް ފާހަގަކުރައްވައިފައެވެ.
ނަމަވެސް، ވައިޓް ހައުސްއާއި ރިޕަބްލިކަން ޕާޓީގެ އިސްވެރިން ވަނީ މި ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ވަގުތުން ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހުތިޔާރު ރައީސަށް އޮންނަން ޖެހޭނެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ކޮންގްރެސްގައި ވިދާޅުވި ގޮތުގައި، މިފަދަ ގަރާރެއް ފާސްކުރުމުން އެމެރިކާގެ އަތް ބަނދެވިފައިވާ ކަމަށް އީރާނަށް ގަބޫލުކުރެވި، ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑެވެ. މި ގަރާރު ދެން ފޮނުވާނީ ސެނެޓަށެވެ. ނަމަވެސް ސެނެޓުން ފާސްވި ނަމަވެސް، ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވާނެ ކަމަށް ބެލެވޭކަމަށް ހަބަރުތައް ބުނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ