ކުވައިތަށް އަމާޒުކޮށް އީރާނުން ދިން ކަމަށް ބުނާ ޑްރޯން އަދި މިސައިލް ހަމަލާތަކަކާ ގުޅިގެން، އީރާނުގެ ދެ ޑިޕްލޮމެޓަކު 'ޕާސޯނާ ނޮން ގްރާޓާ' ނުވަތަ ގަބޫލު ނުކުރެވޭ ބައެއްގެ ގޮތުގައި ކަނޑައަޅައި، 24 ގަޑިއިރުގެ ތެރޭގައި ގައުމުން ފޭބުމަށް ކުވައިތުން އަންގައިފިއެވެ.

ކުވައިތުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހަމަދު ސުލައިމާން އަލް-މަޝާން ވަނީ ކުވައިތުގައި ހުންނަވާ އީރާނުގެ އެކްޓިންގ ޗާޖް ޑި އެފެއާޒް ހާމިދު ޔައުގޫބީ ފަރް ހާޒިރުކުރައްވައި، ރަސްމީ އިހުތިޖާޖުގެ ނޯޓެއް އަރުވާފައެވެ. އީރާނުގެ ޑިޕްލޮމެޓިކް މިޝަންގެ ސައިޒު ކުޑަކުރުމަށް ނިންމާފައިވާކަންވެސް އޭނާއަށް އަންގަވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ފިޔަވަޅުތައް އަޅާފައިމިވަނީ، ކުވައިތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި އާންމުންގެ އެހެނިހެން ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި އެކަކު މަރުވެ، 63 މީހަކަށް އަނިޔާވެފައިވާ ކަމަށް ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ކުވައިތުން ތުހުމަތުކުރާ ގޮތުގައި މިއީ އީރާނުން ދިން ހަމަލާތަކެކެވެ. ނަމަވެސް އީރާނުން ވަނީ މިކަން ދޮގުކޮށް، އެއީ އެމެރިކާގެ ޕެޓްރިއަޓް މިސައިލެއް ފޭލްވެގެން އެރި އެރުމެއް ކަމަށް ބުނެފައެވެ.

ކުވައިތުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ސަރަހައްދު ނުވަތަ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އެހެން ގައުމަކަށް ހަމަލާދިނުމަކީ ކުވައިތުން ގަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ކުވައިތު ބޭނުންކުރި ކަމަށް އީރާނުން ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަމަލާތަކާ ގުޅިގެން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވަނީ ކުވައިތާއި ބަހްރޭނަށް އަމާޒުކޮށް ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ. ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލް-ބުދައިވީ ވިދާޅުވި ގޮތުގައި، ކުވައިތާއި ބަހްރޭނުގެ ސަލާމަތަކީ މުޅި ގަލްފުގެ ސަލާމަތާ ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި ގަތަރު ފަދަ ގައުމުތަކުން ވަނީ ކުވައިތަށް ތާއީދުކޮށް، ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ގޮވާލާފައެވެ. މި މައްސަލައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ، ގަލްފުގެ ގައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.