އެކި ސަބަބުތަކާހުރެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގެ ކުލި ނުދެއްކިގެން، ބޯހިޔާވަހިކަން ގެއްލޭ ފަރާތްތައް މާލޭ ދަފުތަރުގައި ޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހަޅުއްވައި ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެފްޑީސީ ފުލެޓުތަކަކީ ކުލި ދައްކައި ނިމުމުން މިލުކުވާ ތަންތަން ކަމަށްވާއިރު، ކުލި ނުދެއްކިގެން ފުލެޓު އަތުލާ ހާލަތްތަކުގައި ނުވަތަ މަޖުބޫރުވެގެން ފުލެޓު ވިއްކާލަންޖެހޭ ހާލަތްތަކުގައި އެ މީހުންގެ ރަޖިސްޓްރީއަށް ވާނެގޮތަކާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
ފުލެޓު ގެއްލުމާއެކު އެ ގޭގެ ރަޖިސްޓްރީން އެ މީހަކު އުނިވާނެތީ، އެފަދަ ފަރާތްތައް ބާކީނުކޮށް މާލޭ ދަފުތަރުން ޖާގަ ދޭންޖެހޭނެކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އާޒިމްގެ އެ ހުށަހެޅުއްވުމާ ގުޅިގެން ކައުންސިލްގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކަންބޮޑުވުން ފާޅުކުރެއްވި ކައުންސިލަރުން ވިދާޅުވީ އެގޮތަށް ދަފުތަރުން ފުރުސަތު ދޭ ނަމަ، ގަސްތުގައި ކުލި ނުދެއްކުމުގެ އާދަ އަށަގަނެފާނެ ކަމަށެވެ. މިއީ ބޯހިޔާވަހިކަން ވިޔަފާރިއަކަށް ހަދައި، ފުލެޓު ވިއްކާލުމަށްފަހު އަލުން ދަފުތަރުގެ ތެރެއިން ބޯހިޔާވަހިކަން ހޯދަން މަގުފަހިވާނެ ކަމެއްކަމަށް އެ ކައުންސިލަރުން ވިދާޅުވިއެވެ. ދަފުތަރުގައި ތިބޭ މީހުންނަށް ސަރުކާރުން އިސްކަންދޭއިރު، މީގެ ބޭނުން ނަހަމަ ގޮތުގައި ހިފިދާނެކަމަށްވެސް އެ ކައުންސިލަރުން ވިދާޅުވިއެވެ.
އެ ބަހުސްގެ ތެރެއިން ބައެއް ކައުންސިލަރުން ވަނީ ދަފުތަރުގައި ޖައްސައިދިނުމުގެ ކުރިން އެ މީހެއްގެ އަސްލު ރަށުގައި ނުވަތަ މައިންބަފައިންގެ ބޯހިޔާވަހިކަމެއް އޮތްތޯ ބެލުމަށް ޝަރުތު ކުރަން ހުށަހަޅާފައެވެ. ނަމަވެސް، މޭޔަރު ވިދާޅުވީ އެއީ މިހާރު ދަފުތަރުގައި ތިބި މީހުންނަށް ނެތް ޝަރުތުތަކެއް ކަމަށްވާތީ، ވަކި ބަޔަކަށް އެ ޝަރުތުތައް ކުރިމަތިނުކުރެވޭނެ ކަމަށެވެ.
ބަހުސަށްފަހު، ކައުންސިލުން ފާސްކުރީ އެފަދަ ހާލަތްތަކުގައި ދަފުތަރުގައި ޖައްސާއިރު، އެއީ އެ ސަބަބަށްޓަކައި ދަފުތަރުގައި ޖެހުނު ބައެއްކަން އެނގޭނެ ހާއްސަ ނިޝާނެއް ނުވަތަ ގޮތެއް ކަނޑައެޅުމަށެވެ. މި ނިންމުމަށް ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ ތެރެއިން ތިން މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ.
އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ، އިސްމާއިލް ހަލީމް އަދި އިބްރާހިމް ސަމާހު އެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް