ފިޗް ރޭޓިންގްސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ.
ފިޗުން މިއަދު އާންމުކުރި ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ "ސީސީ" އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ "ސީސީސީ މައިނަސް" ބަދަލުކޮށްފައެވެ.
2024 ވަނަ އަހަރުގެ ޖޫން މަހު "ސީސީސީ ޕްލަސް" ރޭޓިންގައި އޮތުމަށް ފަހު، އެ އަހަރުގެ އޮގަސްޓު މަހު އެ ރޭޓިން "ސީސީ"އަށް ފިޗުންވަނީ ދަށްކޮށްފައެވެ. އަދި 2025 ވަނަ އަހަރުވެސް ފިޗުން ވަނީ "ސީސީ" ގައި ރޭޓިން ދަމަހައްޓައިފައެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ދަމަހައްޓައިފައިވަނީ ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ލަފާކުރެވޭތީއެވެ. ފިޗުގެ ރިޕޯޓުގައި އެފަހަރު އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހު އަނބުރާ ދައްކަން އޮތް ސުކޫކު ފައިސާގެ 524.68 މިލިއަން އެމެރިކާ ޑޮލަރެވެ.
ފިޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމުގެ ތެރެއިންވެސް ރާއްޖޭގެ އިގްތިސޯދު މެދު ރާސްތާގައި ބާރުމިނެއްގައި ކުރިއަރާނެއެވެ. އެ ކުރިއެރުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި އެ އިދާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ހެޔޮ ބަދަލުތަކާއި، އަލަށް ހުޅުވޭ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ދުވެލި 4.5 ޕަސަންޓުގައި ހުންނާނެ ކަމަށް ފިޗުން ލަފާކުރެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބައިނަލްއަގްވާމީ ގޮންޖެހުންތަކުގެ ތެރެއިންވެސް ރޭޓިން މަތިވުމަކީ ރާއްޖޭގެ އިގްތިސޯދުގެ ވަރުގަދަކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ދަތުރުފަތުރާއި އިންފްރާސްޓްރަކްޗަރަށް ސަރުކާރުން ކުރަމުންދާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލައި، އިގްތިސޯދީ ގާބިލުކަން އިތުރުކުރުންކަމަށް މިނިސްޓްރީން ބުންޏެވެ. މިގޮތުން މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު، އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކޮށް، އިގްތިސޯދީ ކުރިއެރުން ޝާމިލު އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭނެކަމަށްވެސް ފިނޭންސުން ބުންޏެވެ.
މުހައްމަދު އިޝާން
ފިޗުގެ ރޭޓިން
ފިޗުގެ ރޭޓިން
ފިޗުގެ ރޭޓިން
ފިޗުގެ ރޭޓިން