ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން މަތިކުރުމުން ރާއްޖެއަށް އިތުރު އިންވެސްޓްމެންޓްތައް ލިބި ރާއްޖޭގެ އިގްތިސާދު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ރޭޓިން ރަނގަޅުވުމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާމެދު ދެކޭގޮތް ރަނގަޅުވެގެން ދިއުން ކަމަށެވެ.
"ދުވަސްކޮޅެއް ވެއްޖެ ފިޗުން އަޅުގަނޑުމެން ރޭޓް ކުރާތާ، ރޭޓިން ވަރަށްބޮޑަށް ވެއްޓިފައި ނޮޗް ސޮވްރިން ރޭޓިން މި ދިޔައީ މައްޗަށް އެއީ ޑަބަލްސީއިން ޓްރިޕްލްސީ މައިނަސްއަށް،"
މުންދު ވިދާޅުވީ އެ ބަދަލު ގެނެވުނީ ރާއްޖޭގެ އިގުތިސޯދު ރަނގަޅުކޮށް މި ސަރުކާރަށް ވާރުތަވި ދަރަނިތައް ދައްކާ ހަލާސް ކުރުމުގެ މަަސައްކަތުގައި ލިބުނު ކުރިއެރުންތަކުގެ ސަބަބުން އައި ބަދަލެއް ކަމަށެވެ.
އޭގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކާނުލައި މިިޔަ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ 2025 ވަނަ އަހަރަކީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި، އެ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ ތެެރެއިން ދައުލަތުގެ ހަރަދުތައް ބަލަހައްޓާފައިވާ ހަމައެކަނި އަހަރުކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން ފިނޭންސް މިނިސްޓރީން މިދިޔަ ހަފްތާގައި ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމުލަ ހަރަދަކީ 44.2 ބިލިއަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މިއީ އަންދާޒާ ކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ހަރަދު ކުޑަވުމެކެވެ.
އިބްރާހިމް ޒަކީ
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)