ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ކަމަށް އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފިޗުން އިއްޔެ ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކޮށްފައެވެ. މިއީ މިދިޔަ އޭޕްރީލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާ ގުޅިގެން، ގައުމު ބަނގުރޫޓުވުމުގެ ބިރު ކުޑަވުމުން ގެނައި ބަދަލެއް ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ލިބެމުންދާ ކުރިއެރުމެކެވެ. އޭގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެންނަ ބަދަލުތަކާއި ބޭރު ފައިސާއާ ބެހޭ އާ ގާނޫނުގެ ސަބަބުން ދައުލަތަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުން ހިމެނޭ ކަމަށް ފިޗުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުގެ ދަރަނީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ މާލީ ނިޒާމަށް ކުރިމަތިވި ހީނަރުކަމަކީ ފައިސާ ޗާޕުކުރުމާއި ދަރަނި އަދާކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް ނެތި ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ލޯނު ނެގުމުގެ ސަބަބުން ދިމާވި ކަމެއް ކަމަކެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އިގުތިސޯދީ ހަމަޖެހުން ގާއިމުކޮށް، ދަރަނި މެނޭޖުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފިޗުން ރޭޓިން މަތިކުރި ނަމަވެސް، ރާއްޖޭގެ އިގުތިސާދަށް އަދިވެސް ގޮންޖެހުންތަކެއް ހުރިކަން އެ އިދާރާއިން ފާހަގަކުރެއެވެ.
އެގޮތުން، ދައުލަތުގެ ހަރަދުތައް ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ އިތުރުން، ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވެފައި އޮތުމަކީ ނުރައްކާތަކެއް ކަމަށް ފިޗުން ބުނެފައިވެއެވެ.
ނަމަވެސް، ސަރުކާރުން ގަބޫލުކުރާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވުމާއި ބޭރުގެ އެހީތެރިކަމާ އެކު މި ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ.
އިދިކޮޅު ފަރާތްތަކުގެ މާލީ ރެކޯޑާ ހިލާފަށް، މި ސަރުކާރުން އިސްކަންދެނީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުމަށް ކަމަށް ވަޒީރު ސައީދު ވަނީ ތަކުރާރުކުރައްވައިފައެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު