ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި މާކެޓުގައި އޮތް އިސް މަގާމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.
ފިޗުން، ބީއެމްއެލްގެ ލޯންގް ޓާމް އިޝުއަ ޑިފޯލްޓް ރޭޓިން ކަނޑައަޅާފައިވަނީ 'ސީސީސީ-' ގައެވެ. އަދި ބޭންކުގެ އައުޓްލުކް ވަނީ 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައެވެ.
މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާ އިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިން އަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ.
ބީއެމްއެލް އިން މިއަދު ބުނީ، ފިޗުން ދިން ރޭޓުން ދޭހަވަނީ ދައުލަތުގެ މާލީ ހާލަތާ އަޅައި ބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން ކަމަށެވެ.
މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާ އެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިން މަތިކުރުމުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާ ކުރި ކަމަށްވެސް ބުންޏެވެ.
ބީއެމްއެލުން ބުނީ މި ރޭޓިންތަކުން ދޭހަވަނީ ސަރުކާރުން އަޅަމުންދާ އިގުތިސޯދީ ފިޔަވަޅުތަކާއި މާލީ ނިޒާމަށް ގެންނަ ހަރުދަނާ ބަދަލުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަމުންދާކަން ކަމަށެވެ. އަދި ފިޗުން ވަނީ ދިވެހި ބޭންކިން ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ހިދުމަތްތަކާއި ވާދަވެރި މާކެޓެއްގައި އޮތް ވަރުގަދަ މަގާމު ފާހަގަކޮށްފައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑާޝިޕާއި މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކާއި ކުދި ޖަޒީރާ ގައުމެއްގެ އިގުތިސޯދުގައި ހުރި ގޮންޖެހުންތަކާ އެކުވެސް ކުރިއަށް ދިއުމުގެ ގާބިލުކަން ބަލައިގަތުން ކަމަށެވެ.
އަދި ބޭންކުގެ ރޭޓިން ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަވުން ކަމަށާއި މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ އިރު، ބީއެމްއެލްގެ މި ރޭޓިންގްއިން ހާމަވަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ އިގުތިސޯދީ ކުރިއެރުމަށް ގައުމީ ބޭންކެއްގެ ދައުރު މުހިންމު ކަން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް