ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ 11 ބިމަކަށް، އިއުލާނު ކުރުމަކާ ނުލައި ބިން އިތުރުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އައްޑޫގެ ތިން އަވަށަކުން ދޫކޮށްފައިވާ މި ބިންތަކުގެ ސައިޒަށް ބަދަލު ގެނެސްފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެ ގޮތުން ސ. ފޭދޫ އާއި ސ. މީދޫ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބައެއް ބިންތަކުގެ ހެޑް ލީޒް އަދި، ޑިވެލޮޕްކުރުމުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލުކޮށްފައިވާ އިރު އެ ބިންތަކަށް އިތުރު ބިންތައް އިތުރުކޮށްފައި ވަނީވެސް އިއުލާނު ކުރުމަކާ ނުލައި ކަމަށް ރިޕޯޓްގައި ވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ފޭދޫން ދޫކުރި 29,000 އަކަފޫޓުގެ ބިންތަކަށް 134,945 އަކަފޫޓު އިތުރުކޮށް، ޖުމުލަ 163,945 އަކަފޫޓަށް ބޮޑުކޮށްފައިވެއެވެ. އަދި މީދޫއިން ދޫކޮށްފައިވާ 17,000 އަކަފޫޓުގެ ބިންތަކަށް 27,595 އަކަފޫޓު އިތުރުކޮށް، ޖުމުލަ 44,595 އަކަފޫޓަށް ވަނީ ބަދަލުކޮށްފައެވެ.

މި ބިންތަކުގެ ހެޑް ލީޒް ބަދަލުކުރި އިރު، ކުރީގެ ފަރާތްތަކުން ދައްކަންޖެހޭ ބިމު ކުލީގެ ބޮޑު އަދަދެއް ނުދައްކާ ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފޭދޫގެ ބިންތަކުން 244,481 ރުފިޔާ އަދި މީދޫގެ ބިންތަކުން 194,816 ރުފިޔާ، ޖުމުލަ 439,297 ރުފިޔާ ނުދައްކާ އޮތް އިރު، އާ އެއްބަސްވުންތަކުގައި މި ފައިސާ ހޯދުމާ ގޮތުން އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރު ދޫކޮށްފައިވާ 3000 އަކަފޫޓުގެ ބިމަކަށް، ޕޫލެއް ހެދުމަށްޓަކައި އިތުރު 2000 އަކަފޫޓު ދިނުމަށް ކައުންސިލުން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން 15 ކޮޓަރީގެ ގެސްޓް ހައުސްއެއް އެޅުމަށް ދޫކޮށްފައިވާ 1800 އަކަފޫޓުގެ ބިމެއް، ހަތަރު ފަންގިފިލާއަށް އިމާރާތް ބަދަލުކުރުމަށް އެދުމުން، އެ ބިމަށްވެސް އިތުރު 1800 އަކަފޫޓު އިއުލާނު ކުރުމަކާ ނުލައި އިތުރުކޮށްދީފައިވާކަން ވެސް ވަނީ ފާހަގަވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފޭދޫ އާއި މީދޫ އަދި ހިތަދޫން ޖުމުލަ 166,340 އަކަފޫޓުގެ ބިން އިއުލާނު ކުރުމަކާ ނުލައި އިތުރުކޮށްދީފައި ވަނީ ވަކި ފަރާތްތަކަކަށް މަންފާ ލިބޭ ގޮތަށެވެ. މީގެ ސަބަބުން ޓޫރިޒަމް ބޭނުމަށް ބިން ހޯދުމަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް އޮތް ހަމަހަމަ ފުރުސަތު ގެއްލިގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.