އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫގައި "ގޭދޮށު މަސްޕްލާންޓް" އެޅުމަށް ހަވާލުކުރި ދެ ކޮންޓްރެކްޓަރުންނަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދޫކުރި 1.8 މިލިއަން ރުފިޔާ ލިބިފައިނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ކޮންޓްރެކްޓަރަކަށް 900,000 ރުފިޔާގެ މަގުން ފައިސާ ވަނީ ފައިސާ ދޫކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެކިއެކި ސަބަބުތަކާ ހުރެ "ގޭދޮށު މަސްޕްލާންޓް" ގެ މަސައްކަތް ކުރިއަށް ނުދިއުމުން އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ވަނީ ބާތިލުކޮށްފައެވެ.

ނަމަވެސް އޮޑިޓް ރިޕޯޓް ތައްޔާރުކުރި ތާރީހުގެ ނިޔަލަށް ވެސް އެޑްވާންސް ފައިސާ ކައުންސިލްގެ އިދާރާއަށް އަނބުރާ ލިބިފައި ނުވާކަން އޮޑިޓަރުން ވަނީ ފާހަގަކޮށްފައެވެ.

ހިތަދޫގެ "ގޭދޮށު މަސްޕްލާންޓް" ގެ މަސައްކަތް ހަވާލުކުރި ފަރާތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ، ކައުންސިލުން ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ.

މި ފަރާތަށް ދިން އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށް ކައުންސިލްގެ އިދާރާއިން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އޮޑިޓަރުން ތިން ރަށެއްގައި ގާއިމުކޮށްފައިވާ މަސްޕްލާންޓުތަކުގެ މަސައްކަތް ބެލި އިރު، ހުޅުދޫ އަވަށުގެ މަސްޕްލާންޓުގެ މަސައްކަތް ނިމި ރަސްމީކޮށް ހުޅުވާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ނަމަވެސް، އޮޑިޓް ރިޕޯޓް ތައްޔާރުކުރި މުއްދަތާ ހަމައަށް ވެސް ހިތަދޫ އަދި މަރަދޫ އަވަށުގެ މަސްޕްލާންޓުގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާކަން އޮޑިޓުން ކަށަވަރުކޮށްފައިވެއެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް ލިޔުމުން އެންގުމަށާއި އެގޮތަށް ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް ފައިސާ ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ.