އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ސާޖިކަލް އައުޓްރީޗް ކޭމްޕެއް ކުރިޔަށްގެންދަން ނިންމައިފި އެވެ.

އައިޖީއެމްއެޗްގެ އެކްސް ޕޯސްޓުގައި ބުނީ ކޭމްޕުގައި އެކި ބަލިތަކަށް ހާއްސަ 10 ޑޮކްޓަރުން ބައިވެރިވާނެ ކަމަށެވެ.

ކޭމްޕް ކުރިޔަށްގެންދަން ނިންމާފައިވަނީ މިމަހުގެ 11އިން 13އަށެވެ. މި ކޭމްޕު ކުރިޔަށްގެންދަނީ މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލުގެ ދަށުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.

އެ ޕްރޮގްރާމްގައި ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުންގެ ޓީމުން ޑޮކްޓާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ސާޖިކަލް ކޮންސަލްޓޭޝަންތަކާއި ހިދުމަތްތައް ފޯރުކޮށްދޭނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިކޭމްޕްގައި ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން 1555އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިކޭމްޕްގައި ފޯރުކޮށްދޭ ހިދުމަތްތައް:

  • އޯޕީޑީގައި ބަލި މީހުން ބަލައި ފަރުވާދިނުން
  • ފަސޭހަ ނުވެ ގިނަ ދުވަސްވެފައިވާ ފާރުތަކަށް ހާއްސަ ފަރުވާދިނުން
  • ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން
  • ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ހާއްސަ ފަރުވާދިނުން
  • ޑޮކްޓަރުންނާއި، ނަރުހުންނަށް ބޭނުންވާ ފަންނީ މައުލޫމާތު ދިނުމާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން
  • އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ވަޒަންކޮށް، އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރުން

މިކޭމްޕްގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމް:

  • އާންމު އަދި ލެޕްރޮސްކޯޕިކް އޮޕަރޭޝަންތަކަށް ހާއްސަ - ޑރ.އަބްދުﷲ އުބައިދު
  • އާންމު އޮޕަރޭޝަންތަކަށް ހާއްސަ - ޑރ.މުހަންމަދު ޝަރީފު އަބްދުލް މަޖީދު
  • ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް އަދި އެޑްވާންސް ވޫންޑް ކެއާއަށް ހާއްސަ ޑރ. މުހަންމަދު ވަހީދު
  • އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ހާއްސަ ޑރ. އާމިނަތު ނުސްރާ
  • އަންހެނުންގެ ބަލިތަކާއި ވިހެއުމަށް ހާއްސަ ޑރ. ޖުމައިލަތު ބޭގަމް
  • ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. އިބްރާހިމް މިސްބާހް
  • ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަންތަކަަށް ހާއްސަ ޑރ. އާއިޝަތު އަޒްނާ އަލީ
  • ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. މުހަންމަދު ޝިފާން
  • ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. އަލީ އާރިފް
  • ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކަށް ހާއްސަ ޑރ. އައްސަދު ރަޝީދު