މިފެށޭ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ވާދަކުރުމަށް ތައްޔާރުވެފައިވާ ދެކުނު އެފްރިކާގެ ޓީމު މެކްސިކޯއަށް ދިޔަ އިރު ވިސާ ހަމަނުޖެހިގެން ނުދެވުނު އެސިސްޓެންޓް ކޯޗު، ހެލްމަން އެމްހަލޭލޭއަށް ވިސާ ހަމަޖެހިއްޖެއެވެ.
ދެކުނު އެފްރިކާގެ ޓީމުން މެކްސިކޯގެ ޕަޗޫކާގައި ކޭމްޕް ކުރަން އޮތް އިރު، ޗާޓަރު ފްލައިޓެއްގައި ފުރަތަމަ ފުރަން އޮތީ 31 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އިދާރީ މައްސަލަތަކެއް ދިމާވެ ޓީމަށް ވިސާ ހަމަޖެހުން ލަސްވެގެން ފުރުން ވަނީ ފަސްކުރަން ޖެހިފައެވެ. އެކަން ދެކުނު އެފްރިކާގެ ސަރުކާރުންވެސް ނަގާފައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި މައްސަލަ ބަލަންވެސް ފަށާފައިވެއެވެ.
މައްސަލަ ހައްލުކޮށް، އިއްޔެ އެޓީމުން މެކްސިކޯއަށް ގޮސްފައިވާ އިރު، ޓީމު ދިޔައީ ކޯޗު ހެލްމެން ނުލައެވެ. އެއީ އެމެރިކާގެ ވިސާ ނުލިބި އޮތުމުންނެވެ. ދެކުނު އެފްރިކާ ފުޓުބޯޅައިގެ ރައީސް ޑެނީ ޖޯޑާން ވިދާޅުވެފައި ވަނީ ޖޮނަހަސެސްބާގުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓުން ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށާއި، ވިސާ ނުލިބެން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ. އެކަމުގައި ވަކި އެއްޗެއް އަންގާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޓީމުގެ ސެކިއުރިޓީ އެމްޑޫބޫ އެމްބާތާއަށްވެސް ކުރިން ވިސާ ނުލިބި އޮތް އިރު، ހެކްމަންއާއި އޭނާއަށްވެސް މިހާރު ވިސާ ލިބިފައިވާ ކަމަށް ދެކުނު އެފްރިކާއިން ވަނީ ބުނެފައެވެ.
ދެކުނު އެފްރިކާގެ ފުޓުބޯޅަ އިދާރާގެ ރައީސް ޑެނީ ވިދާޅުވީ ވިސާގެ ކަންކަން ހައްލުކޮށްދިނުމަށް އެމެރިކާގެ އެމްބަސީން ދިން އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.
ފުރަތަމަ ވިސާ ނުލިބުނު ހެލްމަންއަކީ ކުރިން ގައުމީ ޓީމަށް 66 މެޗު ކުޅެފައިވާ ފުޓުބޯޅަ ލެޖެންޑެކެވެ. އޭނާ ވަނީ ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކުޅުނު 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި އެޓީމަށް ކުޅެފައެވެ.
ދެކުނު އެފްރިކާއިން މިފަހަރު ގްރޫޕް އޭގައި ވާދަކުރާ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ޗެކް ރިޕަބްލިކާއި ދެކުނު ކޮރެއާ އަދި މެކްސިކޯއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ދެކުނު އެފްރިކާއިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026