އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ހޫނު ބަހުސްތަކެއް ހިމެނޭ ފޯނު ކޯލެއް ކުރިއަށްގޮސްފި ކަމަށް ހަބަރުތައް ބުނެފިއެވެ. މި ކޯލު ކުރިއަށްދިޔައީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދޭން އުޅުނު ވަރުގަދަ ހަމަލާއަކާ ގުޅިގެންނާއި، އިސްރާއީލުގެ އަމަލުތަކާ ހެދި އެމެރިކާއާއެކު ކުރިއަށްދާ އިރާން މަޝްވަރާތައް މެދުކަނޑާލާނެ ކަމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެން ކަމަށް ބައިނަލް އަގުވާމީ އިތުބާރު ހަބަރުތައް ބުނެއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޯލުގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހަރުކަށި އިބާރާތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޓްރަމްޕްގެ އެހީތެރިކަން ނުލިބުނު ނަމަ ނަތަންޔާހޫ އޮންނާނީ ޖަލުގައި ކަމަށާއި، އިސްރާއީލުގެ އަމަލުތަކާ ހެދި މުޅި ދުނިޔެ މިހާރު އިސްރާއީލާ ރުޅި ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ޓްރަމްޕްގެ މައިގަނޑު ކަންބޮޑުވުމަކީ ލުބުނާނުގައި އިސްރާއީލުން ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން، އީރާނާއެކު އެމެރިކާއިން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އަތުވެދާނެތީއެވެ.

"ބެއިރޫތަށް ބޮޑު ހަމަލާއެއް ނުދިނުމަށް އެދި ނަތަންޔާހޫއާ މިއަދު ވާހަކަދައްކައިފިން. އޭނާ ވަނީ ސިފައިން އަނބުރާ ގެންގޮސްފައި،" މި ކޯލަށްފަހު ޓްރަމްޕް އެ މަނިކުފާނުގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް، އިސްރާއީލުގެ ސަރުކާރުން ބުނެފައިވަނީ ލުބުނާނުގެ ދެކުނުގައި ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެމެރިކާއާއެކު ކުރިއަށްގެންދާ ނުސީދާ މަޝްވަރާތައް މެދުކަނޑާލާފައެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، “އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކީ ލުބުނާން ހިމެނޭހެން ހުރިހާ މައިދާނަކަށް ވެސް އޮތް އެއްބަސްވުމެއް”ކަމަށެވެ. އަދި “އެއް މައިދާނެއްގައި އެއްބަސްވުމާ ހިލާފުވުމަކީ މުޅި އެއްބަސްވުމާ ހިލާފުވުން” ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިސްރާއީލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުގެ ރަސްމީ ނޫސްތަކުން ވަނީ ދީފައެވެ.