އެޕަލް ކުންފުނިން މިއަހަރުގެ ސެޕްޓެމްބަރު މަހު ނެރެން ތައްޔާރުވަމުން އަންނަ އައިފޯން 18 ޕްރޯ އަދި 18 ޕްރޯ މެކްސްއާ ގުޅޭގޮތުން ލީކުވެފައިވާ މައުލޫމާތުތަކުން، މި ފޯނުތަކަށް ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެކަން ހާމަވެއްޖެއެވެ. ސަޕްލައި ޗެއިން ރިޕޯޓުތައް ބުނާ ގޮތުގައި، މި ފަހަރުގެ ޕްރޯ މޮޑެލްތަކުގައި 2 ނެނޯމީޓަރުގެ ޗިޕަކާއި، ވެރިއަބަލް އެޕާޗަރ ކެމެރާއެއް ހިމެނޭނެއެވެ.
މި އަހަރު އެޕަލްގެ އުފެއްދުންތައް ނެރުމުގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ޓެކް ހަބަރުތައް ބުނެއެވެ. އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ސެޕްޓެމްބަރު މަހު ނެރޭނީ ހަމައެކަނި ޕްރޯ މޮޑެލްތަކާއި އަލަށް ތައާރަފުކުރާ ފޯލްޑަބަލް އައިފޯނެވެ. އާދައިގެ އައިފޯން 18 ނެރުން 2027 ވަނަ އަހަރުގެ ބަހާރު މޫސުމަށް ފަސްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ، އަހަރުގެ ފަހުކޮޅު އެންމެ އަގުބޮޑު މޮޑެލްތަކަށް މާކެޓުގެ ސަމާލުކަން ހޯދުން ކަމަށްވެސް ޓެކް ހަބަރުތައް ބުނެއެވެ.
ޖީއެފް ސެކިއުރިޓީސްގެ އެނަލިސްޓް ޖެފް ޕޫ ބުނި ގޮތުގައި، އައިފޯން 18 ޕްރޯ މެކްސްގައި ހިމެނޭނީ ޓީއެސްއެމްސީގެ 2 ނެނޯމީޓަރު ޓެކްނޮލޮޖީއަށް އުފައްދާފައިވާ އޭ20 ޕްރޯ ޗިޕެކެވެ. މީގެ އިތުރުން، މި ފޯނުތަކުގައި 12 ގިގަބައިޓްގެ ރެމް ހިމެނޭނެ ކަމަށާއި، ބެޓެރީގެ ކެޕޭސިޓީ 5،100 މިލިއެމްޕިއަރަށް އިތުރުކުރާނެ ކަމަށް އޭނާ ފާހަގަކުރެއެވެ. މި ބަދަލުތަކާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މަސައްކަތްތަކަށް ފޯނުގެ ސްޕީޑު ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް ބެލެވޭނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ފޯނުގެ ކުރިމަތީގައި ހުންނަ ޑައިނަމިކް އައިލެންޑް 25 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރާނެ ކަމަށްވެސް ލީކުވެފައިވާ މައުލޫމާތުތައް ބުނެއެވެ.
ކެމެރާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން، މަޝްހޫރު އެނަލިސްޓް މިންގް-ޗީ ކުއޯ ބުނީ، މެއިން ކެމެރާއަށް ވެރިއަބަލް އެޕާޗަރ ތައާރަފުކުރާނެ ކަމަށެވެ. މީގެ ސަބަބުން ކެމެރާ އުފެއްދުމުގެ ހަރަދު 50 އިންސައްތަ އިތުރުވެދާނެ ކަމަށް އޭނާ ލަފާކުރެއެވެ. ޑިޒައިނަށް ބަލާއިރު، މި ފަހަރުގެ މޮޑެލްތަކުން 'ޑާކް ޗެރީ' ކުލައާއި ލައިޓް ބްލޫ، ކަޅު އަދި ރިހި ކުލަ ފެނިގެންދާނެ ކަމަށް ޑަމީ މޮޑެލްތަކުން ވަނީ ހާމަވެފައެވެ. ނަމަވެސް، މި ހުރިހާ ކަމަކީވެސް ރަސްމީކޮށް އިއުލާނުކުރަންދެން ބަދަލުވުމުގެ ފުރުސަތު އޮތް ކަންކަމެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް