ރާއްޖޭގައި މިވަގުތު ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު ހަރަކާތަކީ ރާރާ ޕްރޯގެ ދެވަނަ އެޑިޝަން، ރާރާ ޕްރޯ 2026 މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ދިއްފުށީގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، އިވެންޓް ޝަރަފުވެރިކޮށްދެއްވީ ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހީމެވެ. ޝިއުރީގެ އިތުރުން ސްޕޮންސަރުންނާއި ޕާޓްނަރުން މިއަދުގެ އިވެންޓްގައި ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުން އަދި ބައިނަލްއަގުވާމީ އެތުލީޓަކުވެސް ހިމެނޭހެން މިފަހަރުގެ ރާރާ ޕްރޯގައި ޖުމުލަ 31 ކައިޓް ސާފަރުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު 20 އެތުލީޓުންނާއެކު މުބާރާތް ކުރިއަށްދިޔައީ ރޭސިން ކެޓަގަރީ އެކަނި ނަމަވެސް، މުބާރާތް ބާއްވާ އައިކޯނިކް އިވެންޓްސްއިން މިއަހަރުގެ މުބާރާތް އެެހެން ހަރުފަތަކަށް ގެންގޮސްފައިވެއެވެ. އެއީ ސްލަލޮމް ރޭސިން ކެޓަގަރީގެ އިތުރުން ފްރީ ސްޓައިލް ކައިންޓްބޯޑިންގެ ކެޓަގަރީވެސް ތައާރަފު ކޮށްގެންނެވެ.

https://www.facebook.com/reel/1697785161261634

މިއަހަރު މުބާރާތުގައި ބައިވެރިވާ ބައިނަލްއަގުވާމީ އެތުލީޓަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ)އެވެ. ޔޯއަކީ އޭޝިއާގެ އެކިއެކި މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ހުނަރުވެރި އެތުލީޓެކެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން އައިކޯނިކް އިވެންޓްސްގެ ފައުންޑާ ހަސަން ރަޝީދު (ރަޝް) ފާހަގަކުރެއްވީ އިތުރު އެތުލީޓުންތަކަކާއެކު މުބާރާތް އެނބުރި އައުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި މުބާރާތުގެ މަގުސަދު ހާސިލުވުމަށް އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރު ރާރާ ޕްރޯގެ އެމްބެސެޑަރަކީ ހދ. ވައިކަރަދުއަށް ނިސްބަތްވާ ވިސާމް މުހައްމަދެވެ. ވިޝާމްގެ އިތުރުންވެސް އެރަށުން އިތުރު އެތުލީޓުން މުބާރާތުގައި ވާދަކުރާ އިރު، އެންމެފަހުގެ ޗެމްޕިއަން ހަސަން މާހިރު (ހަންޓޭ) މިއަހަރުވެސް ފެނިގެންދާނެއެވެ.

މިއަދުގެ އިވެންޓްގައި ޝިއުރީ ވިދާޅުވީ، ރާރާ ޕްރޯއަކީ ސްޕޯޓްސް ޓޫރިޒަމަށް މުހިއްމު އިވެންޓެއް ކަމަށެވެ. އަދި ރާރާ ޕްރޯ ފަދަ އިވެންޓްތަކާއެކު ރާއްޖެ މުޅިން ތަފާތު މާކެޓަކަށް އިޝްތިހާރުވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާރާ ޕްރޯގެ އިވެންޓްތައް ދިއްފުށީގެ ހިތްގައިމު މާހައުލުގައި ކުރިއަށްދާ އިރު، މިއަހަރުގެ އިވެންޓް މިމަހު ހަވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މިދިޔަ އަހަރާއި މިއަހަރުވެސް ރާރާ ޕްރޯގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް އެމްވީ" އެވެ.