ށ. މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ "އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދުގަ" ގައި ކަމަށެވެ.

އެތަނަކީ އެއާޕޯޓު އަޅާ ސަރަހައްދު ކައިރީގައި ހުންނަ ތަނެއް ކަމަށާއި، އެ ތަނުގައި ގިނަ އަދަދެއްގެ ޑިންގީތަކެއް އަޅާފައި ހުންނާނެކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އަލިފާން ރޯވުމާއެކު ގިނަ އަދަދެއްގެ ޑިންގީ އެތަނުން ނެރެފައިވާކަމަށް އެ ފަރާތުން ބުންޏެވެ.

ނަމަވެސް ދެ ޑިންގީއެއް ނުނެރި ވަނިކޮށް ރޯވެފައިވާ ކަމަށެވެ. އަލިފާންގަނޑު ބޮޑު ސަރަހައްދަކައް ފެތުރިފައިވަނީ އެ ދެ ޑިންގީގައި ރޯވުމުގެ ސަބަބުންކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ.