ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެޒިޑެންސް މަޝްރޫއުގެ ދަށުން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް އެތަންތަން ނުލިބި ދިގުލައިގެންދާ މައްސަލައިގައި، އެ މަޝްރޫއު ހިންގާ ހަންބޯ ކުންފުނި "ވުޖޫދުން ގެއްލިފައިވާތީ" އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އެދިއްޖެއެވެ.
އެ މަޝްރޫއުން ފުލެޓް ގަނެ، ލަނޑު ލިބުނު ފަރާތްތަކުގެ ދިފާއުގައި މަސައްކަތްކުރާ ލޯފާމް "އެޑްވޮކަސީ ޗެމްބާސް" އިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވި ސިޓީއެއްގައި ވަނީ، ފުލެޓްތަކުގެ މައްސަލަ ހައްލުކުރުމަށް ހަންބޯ ކުންފުންޏާ ބައްދަލުކުރަން ކުރި މަސައްކަތުން އެ ކުންފުނި މިހާރު ފެންނަން ނެތް ކަމަށާއި، އެ ކުންފުނި އޮތް ތަނެއް ހޯދުމަށް އެޗްޑީސީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"މިކަން ވެފައިވާ ގޮތެއް ބަލައި، ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި، އެފަރާތާ ބައްދަލުކުރުމަށް ބޭނުންވާތީ އާއި އެ ފަރާތްތަކުގެ މައުލޫމާތު ހުރީ އެޗްޑީސީގައި ކަމަށްވުމާއެކު، މިކަން ކުރެވޭނެ މަގެއް ހޯދުމުގެ ގޮތުން އެޗްޑީސީއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދެމެވެ،" ސިޓީގައި ބުންޏެވެ.
ހަންބޯ ކުންފުނި މެދުވެރިކޮށް މަކަރާއި ހީލަތުން ކޭ-ޕާކް އެޕާޓްމަންޓްތައް ވިއްކި މައްސަލަ ފެންމަތިވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި ސްކޭމްގައި 23 އެޕާޓްމަންޓެއް އޮޅުވާލައިގެން ވިއްކާފައިވާއިރު، 50 އަށް ވުރެ ގިނަ މީހުންނަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މަޝްރޫއުގެ މައި ކުންފުނި ހަންބޯ ޓެކް ކޮރެއާއިން މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދީފައިވީ ނަމަވެސް، ފުލެޓް ގަތް މީހުންނަށް އެތަންތަން ލިބޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.
މި މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާއެއް ސާބިތުވެ، 397 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އިއްވާފައެވެ. އަދި އޭނާއާ ބައިވެރިވި ޖައިޝާން ސައީދު 159 އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ފުލެޓް ގަތް މީހުންގެ ކަންބޮޑުވުމަކީ، އެޗްޑީސީއާ އެކު 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުންތަކުން ވެސް އެދެވޭ ނަތީޖާއެއް ނުނިކުތުމެވެ. އެގޮތުން ފައިސާ ދެއްކި މީހުންގެ ސައްހަ ލިސްޓެއް އެޗްޑީސީގައި ނެތްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
މަކަރާއި ހީލަތް
މަކަރާއި ހީލަތް