(25 މެއިގެ އަދަދާ ގުޅޭ)

(ބާފާނު ކޮއިފުޅު - މަލިކު ބަހެއް، މާތް ބަހުރުވައިން ބޮޑުބޭބެކިޔާ ކުއްޖާ) ولــيــد އަކީ أبــــو جــهـــل ގެ ބާފާނެވެ. މަލިކު ބަހުރުވައިގައި ބައްޕަ ފަރާތާއި މަންމަ ފަރާތުގެ ބޮޑުބޭބެއިންގެ ނަން ތަފާތެވެ. މައިފުށުގެ ބޮޑުބޭބެއަކީ މާންޕާނު އެވެ.)

އިސްވެދެންނެވި މީސްމީހުންގެ އިތުރަށް أســــود بــــن مـطّــلــب އާއި أســــود بــــن عــبــد يـَـغُـــوْثُ އާއި نـضــــر بـــن الحــــارث بـــن كــلــدة އާއި أَخْـنَسُ بِــــنْ شُـــرَيـْـقُ ثـِـقــفــــى އާއި أبــــيّ بــــن خــلـف އާއި عــقـبــــة بــــن أبـــــى مـعـيط އަކީވެސް ނުފޫޒު ހުރިކަމުގައި ބެލެވޭ މީހުންނެވެ.

ދެކޮޅުވެރިކަމުގެ ސަބަބުތައް

އިންސާނީ ރަޙްމަތުގެ ތަޙްރީކާމެދު ޢާންމުކޮށް ޢަރަބީން ޚާއްޞަކޮށް قـــــريـش ން ދެކޮޅުހެދި ސަބަބުތަކާމެދު ކުރުގޮތަކަށް ނަމަވެސް ބަލައިލުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. އޭގެތެރެއިން އެންމެ އަސާސީ ސަބަބަކީ ކުރީންވެސް ދެންނެވި ފަދައިން قـــــريـش ންގެ ވެރިކަމާއި ނުފޫޒާއި މަޢީޝަތުގެ އެންމެ ވަރުގަދަ ނާރެހަކީ كــعـــبـــة اللّــــه ގައި ޢަރަބީންގެ ބުދުތައް ބަހައްޓައިފައި ހުރުންކަމުގައިވުމެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ޢަރަބިކަރައިގެ ދީނީ ޤިޔާދަތު ލިބިފައި އޮތުމެވެ. މީގެއިތުރަށް އަންނަނިވި ސަބަބުތައް ފާހަގަކުރެވެއެވެ.

އެންމެފުރަތަ ސަބަބު:

ތަހްޒީބީ ތަރުބިޔަތު ލިބިފައިނުވާ ލޭހޫނު (ހިތްވަރާއި ޖޯޝާއި ފޯރި ހުންނަ) ޤައުމުތަކަކީ ތިމާމެންގެ ކާބަފައިންގެ ގޮތާއި ފޮތާއި އާދަކާދަޔާއި ޢަޤީދާއާ ޚިލާފު ކަމެއް އެބައިމީހުންނާ ކުރިމަތިކުރެވިއްޖެ ކަމުގައިވާނަމަ ވަރަށް އަވަހަށް ރުޅިއަންނަ ބަޔެކެވެ. ރުޅިވެރިކަމުގައި ހަމައިން ނެއްޓޭ ބަޔެކެވެ. އެފަދަ ކަންކަމުގައި އެބައިމީހުންގެ ދެކޮޅުހެދުން އޮންނަނީ ހުސްއެކަނި އަނގައިން ދައްކައިލާ ވާހަކަތަކާ ހަމަޔަށް ހިފެހެއްޓިފައެއް ނޫނެވެ. ލޭއޮހޮރުވައިލައިގެން މެނުވީ އެބައިމީހުންގެ ހޫނު ޠަބީޢަތަށް މައިތިރިކަމެއް ނާދެއެވެ. ފިނިކަމެއް ނުގެނެވެއެވެ. އިންޑިޔާގެ ހިންދީން މުސްލިމް އާބާދީއާމެދު ހިންގާ ދީނީ ފަސާދައިގައި ފެންނަމުންދަނީ އެ ނަފުސިއްޔާތުގެ އަސަރެވެ. އެތަނެއްގައި އާރާއި ބާރުހުރި ކީރިތި މޫރިތި ވެރިކަމެއް ޤާއިމުވެފައި ނޯންނަ އެއްވެސް ތަނެއްގައި އިރުއިރުކޮޅުން ލޭގެ ވާރޭ ނުވެހިއެއް ނުދެއެވެ.

އިސްލާމްދީން އައީ ޢަރަބިކަރައިގައި ބުދަށް އަޅުކަންކުރުން ޢާންމުވިތާ ޒަމާންތަކެއްގެ ފަހުންނެވެ. ބުދުތައް މުގުރުއްވި خــلــيـــل اللّــــه ގެ ހަނދާނެއް ކަމުގައިވާ كــعـــبـــة اللّــــه އޭރުހުރީ ތިންސައްތަ ހައްޓި ބުދުން ފުރައިލައިފައެވެ. އޭގެތެރެއިން هــبــــل އަކީ އެއުރެންގެ "ބޮޑު ކަލާނގެ" އެވެ. ހުރިހައި ހެޔޮކަމަކާއި ނުބައިކަމެއްގެ ވެރިފަރާތެއްކަމުގައި قـــــريـش ން ބަލަނީ އެބުދެވެ. ހަނގުރާމަތަކުގައި ފަތަޙަ ހޯދައިދެނީވެސް އެބުދެވެ. ވާރޭވެއްސަނީވެސް އެބުދެވެ. ދަރީން ލިބިދެނީވެސް އެބުދެވެ. އެބައިމީހުންގެ ނަޒަރުގައި އެއްކައުވަންތަ ކަލަކު ނެތެވެ. ނުވަތަ އެކަލާނގެ ވުޒޫދުވަނީ އެބައިމީހުންގެ ނަޒަރުގައި ބޭނުމެއްނެތް ފަރާތަކަށް ވެފައެވެ.

ދެވަނަ ސަބަބު:

ރަޙްމަތުގެ ދީނުގެ ޙަޤީޤީ މުހިންމަތަކީ ބުދުތަކުގެ ޠިލިސްމު ބާޠިލުކޮށްލެއްވުމެވެ. ނަމަވެސް އެބުދުތަކާ قـــــريـش ންގެ މަޞްލަޙަތާއި ވެރިކަމުގެ ބާރާ ގުޅިލައިމެހިފައިވާ ވަރުން ބުދުތަކުގެ ޠިލިސްމު ބާޠިލުކުރުމަކީ قـــــريـش ންގެ ޢާލަމީ ވެރިކަންވެސް އުވައިލެވުމެވެ. އެހެންކަމުން قـــــريـش ން އެކަމާ ދެކޮޅަށް ތެދުވީ ކަށީގެ މަދުން ހިތްވަރު ނެރެގެންނެވެ. އެކަމުން އެމީހެއްގެ ސިޔާދަތާއި މާލުވެރިކަމާއި މޫލަވެރިކަމަށް ނުގުސާނުވާނެ ކަމުގައިހީވި ކޮންމެ މީހަކުވެސް އެމީހަކަށް ގެއްލުންވާނެކަމަށްހީވި ނިސްބަތަކުން ރަޙްމަތުގެ ތަޙްރީކު ހިންގައިލެވުމާ ދެކޮޅަށް ފޫގަޅައިލިއެވެ. ފައިވިއްދިއެވެ. އެ ތަޙްރީކާ ދެކޮޅަށް ހީވާގިވެގަނެގެން އެނިސްބަތަކުން މަސައްކަތް ކުރިއެވެ.

عــبـــدالمـطَّــلِــب ގެފާނަށްފަހު قـــــريـش ންގެ رئيس الأعـظــــم އަކަށްވީ حـــــــرب بـــن أمـــيّــــة އެވެ. ހަރުބުލް ފިޖާރީގައި قـــــريـش ންގެ ކޮމާންޑަރ އިން ޗީފަކީ حـــــــرب އެވެ. ނަމަވެސް حـــــــرب އަށްފަހު އޭނާގެ ދަރިކަލުން أبـــوسفـيــــان ގެ ގައިކޮޅަކު އެ މަޤާމު ހޯއްދެވޭފަދަ ޤާބިލިއްޔަތެއް ނެތެވެ. އެހެންކަމުން قـــــريـش ންގެ رئيس الأعـظــــم ގެ މަޤާމު ހޯއްދެވީ ولــيــد بـــن المــغــــيـــرة އެވެ. އޭނާގެ ޤާބިލިއްޔަތާއި ނުފޫޒުގެ ސަބަބުންނެވެ. أبــــو جــهـــل އަކީ އޭނާގެ ބާފާނު ކޮއިފުޅެވެ. أبــــو جــهـــل އަކީވެސް قـــــريـش ންގެ ތެރޭގައި އޭނާގެ އަމިއްލަ ނުފޫޒު ގަދަމީހެކެވެ.

قـــــريـش ންގެ ވެރިކަމުގެ ލަގަން އޮތީ މިދެންނެވި ރައީސުންގެ އަތްމަތީގައެވެ. އިސްލާމީ ރަޙްމަތުގެ ނިޒާމާ ދެކޮޅަށް ތެދުވެ ސަފުތައް ރުކުރުވައިލީ އެމީސްމީހުންނެވެ. قـــــريـش ވަންހައިގެ ބޮޑުންކުރެ أســــود بــــن مـطّــلــب އާއި أســــود بــــن عــبــد يَــغُـــوْثُ އާއި نـضــــر بـــن الحــــارث އާއި أمــيّـــــة بـــن خــلـف އާއި عــقـبــــة بــــن أبـــــى مـعـيط ފަދަ މީހުން ތިބީ އިސްވެދެންނެވި ބޮޑުންގެ ނުފޫޒުގެ ދަށުގައެވެ. އެހެންކަމުން އިސްލާމީ ރަޙްމަތުގެ ތަޙްރީކާ ދެކޮޅުހެދުމުގައި އެބައިމީހުންގެ ނަންތައް އިރުއިރުކޮޅުން ފާހަގަކުރެވެއެވެ. قـــــريـش ންގެ ނަޒަރުގައި ނަބީކަމުގެ މަޤާމު މީހަކަށް ލިބޭކަމުގައިވާނަމަ ލިބޭންވާނީ މައްކާއާއި ޠާއިފާ ދެރަށުންކުރެ ކޮންމެވެސް އެއްރަށެއްގެ ރައީސަކަށެވެ. الــقــــران الـكـــــريـــــم ގެ މިދަންނަވާ އާޔަތުގައި ބަޔާންކުރައްވައިފައިވަނީ އެވާހަކައެވެ.

"އަދި އެއުރެން ބުނޫއެވެ. އެދެރަށުންކުރެ (އެބަހީ: މައްކާއާއި ޠާއިފުގެ) މީހުންކުރެ މާތް މީހަކަށް މި ޤުރްއާން ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟"

ޢަރަބީންގެ ތެރޭގައި ރައީސަކަށް ވުމުގައި އެންމެ ލާޒިމު ދެ ޝަރްޠަކީ މުދަލާއި ދަރީން ގިނަވުމެވެ. މިއީ ޖާހިލު ޤައުމުތަކުގައި އޮންނަ އާދައެކެވެ. އެވޭލާ ޒަމާނުގައި ހިންދުސްތާނުގައިވެސް މިއީ އޮންނަ ވިސްނުމެކެވެ. އެބައިމީހުންގެ ނަޒަރުގައި ދަރީން މަދުމީހުންނަކީ އާޚިރަތުގެ ބަރަކާތެއްވެސް ލިބޭނެބައެއް ނޫނެވެ. ހިންދީންގެ ޚިޔާލުގައި ދަރީންނާ ނުލައެއް އިންސާނަކަށް ސަލާމަތެއް ނުލިބޭނެއެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

ދަރީންނާއި މުދާ ގިނަކަމުގެގޮތުން ބަލާއިރު قـــــريـش ންގެ ނަޒަރުގައި ރިޔާސަތުގެ ޙައްޤުވެރީންނަކީ ولــيــد بـــن المــغــــيـــرة އާއި، أمــيّـــــة بـــن خــلـف އާއި عــاص بــــن وائـــل السّــهــمــى އާއި أبــــو مسـعــــودالــثّــقــفـــى އާ މި މީސްމީހުންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް މިދެކަމުންކުރެ އެއްކަމެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. އެމާތް ސާހިބާގެ ފިރިހެން ދަރިކަލެއް އަހަރެއް ދެއަހަރެއްހައި ދުވަހު މެނުވީ ދުނިޔެކަ ނުއޮންނަވައެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى)

ތިންވަނަ ސަބަބު:

قـــــريـش ންނަކީ ޠަބީޢީގޮތުންވެސް ޢީސާއީންދެކެ ނަފުރަތުކުރާ ބަޔެކެވެ. އެކަމުގެ ސަބަބަކީ ޔަމަނުކަރައިގެ ގަވަރުނަރޖަނަރަލް (ނުވަތަ ރަސްގެފާނު) أبــــرهــــة الأشــــــرم ގެފުޅު މުގުރުއްވާން ވަޑައިގެންނެވިކަމެވެ. އޭނާއަކީ ޢީސާއީއެއްކަމެވެ. އެކަމާހުރެ قـــــريـش ން ޢީސާއީ ރޫމީންގެ ބަދަލުގައި ތާއީދުކުރަނީ އީރާނުގެ ފާރިސީންނަށެވެ. އީރާނާއި ރޫމީންނާ ދެމެދު ހިނގާ ހަނގުރާމައެއްގައި އީރާނު މީހުންނަށް ފަތަޙަ ލިބިއްޖެ ކަމުގައިވާނަމަ قـــــريـش ން އެކަމާ ވަރަށް އުފާކުރެއެވެ. މުސްލިމުން އެކަމާ ނުހަނު މޮޅިވެއެވެ. ކީރިތި ޤުރްއާނުންވެސް އެކަން އެނގެއެވެ.

"(ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިކުރެވިއްޖެއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެ ކުރީންވެސް އަދި އޭގެ ފަހުންވެސް ހުރިހައިކަމެއް މިލްކުވެގެންވަނީ اللّــــه އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެތެވެ." (الـــــــرّوم: 4، 3، 2)

ރަޙްމަތުގެ ދީނާއި ޢީސާއިއްޔަތުގައި އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ޚާއްޞަކޮށް މައްކީ ދައުރުގައި މުސްލިމުންގެ ޤިބްލައަކީ ބައިތުލްމަޤްދިސެވެ. މަދަނީ ދައުރުގެ ކުރީކޮޅުގައިވެސް ދުވަސްތަކެއް ވާންދެން މުސްލިމުން ނަމާދުކުރީ ބައިތުލްމަޤްދިސަށް ކުރިމަތިލައިގެންނެވެ. އެހެންކަމުން قـــــريـش ންނަށް ހީވެފައިއޮތީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ ޢީސާއީ ދީން ފެތުރުއްވުން ކަމުގައެވެ.

(ނުނިމޭ)