ރާއްޖޭގައި މިވަގުތު ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު ހަރަކާތަކީ ރާރާ ޕްރޯއެވެ. އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި އިވެންޓެއް ނަމަވެސް، ކައިޓް ސާފަރުންނަށް އިވެންޓް ކަމުގޮސްފިއެވެ. މިދިޔަ އަހަރުގެ އިވެންޓް ފެނިގެން ދިޔައީ މަޖާ، އުފާވެރި އަދި ވާދަވެރި މާހައުލެއްގައި ކުރިއަށް ދިޔަތަނެވެ. މުޅި ކ. ދިއްފުށި އެކަމުގައި ޝާމިލްވެއެވެ. ކުދިބޮޑު އެންމެންނަށްވެސް ރާރާ ޕްރޯއަކީ އީދެކެވެ. ޗާލު ނަލަ ދިއްފުއްޓަށް ރާރާ ޕްރޯއަކީ އީދެކެވެ.
މިދިޔަ އަހަރު 20 އެތުލީޓުންނާއެކު މުބާރާތް ކުރިއަށްދިޔައީ ރޭސިން ކެޓަގަރީ އެކަންޏެވެ. ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ) މުބާރާތް ކާމިޔާބުކުރި އިރު، މިފަހަރު މިއީ މުޅިން އާ ހަރުފަތަކަށް މުބާރާތް ދިޔަ ފަހަރެކެވެ. މިދިޔަ އަހަރު ސްލަލޮމް ރޭސިން ކެޓަގަރީ އެކަނި ކުރިއަށް ގެންދިޔަ ނަމަވެސް މިއަހަރު ފްރީ ސްޓައިލް ކައިންޓްބޯޑިންގެ ކެޓަގަރީވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އެ ކެޓަގަރީ އިތުރުވެ، މިފަހަރު ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ އެތުލީޓުންވެސް ފެނިގެންދާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުން 30 އެތުލީޓުން ފެނިގެންދާ އިރު، ބައިނަލްއަގުވާމީ އެތުލީޓަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރު، ތައިލެންޑްގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ)އެވެ. ޔޯއަށް މިއީ ރާއްޖޭގެ ފުރަތަމަ ތަޖުރިބާއަށްވީ އިރު، މިހާރުވެސް ހުރީ ހިތްހަމަ ޖެހުމާއެކުގައެވެ.
ހުނަރުވެރި އެތުލީޓުންނަށް މުހިއްމު ޕްލެޓްފޯމެއް
މިއަހަރުގެ ރާރާ ޕްރޯގެ އެމްބެސެޑާ، ހދ. ވައިކަރަދުއަށް ނިސްބަތްވާ ވިސާމް މުހައްމަދު (ތޮއްތޮ) މުބާރާތުގެ ކުރިން ބުނީ ރާރާ ޕްރޯއަކީ މިހާރު ކައިޓް ސާފަރުން "ލުކް ފޯވަޑް" ކުރާ އިވެންޓެއް ކަމަށެވެ. ހާއްސަކޮށް ހުނަރުވެރިކަން ރާއްޖޭގައި އިތުރުވެ، މޫދު ކުޅިވަރަށް ހުޅުވުނު އިތުރު ދޮރެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ދިއްފުށީގެ ޒުވާން އެތައް ބައެއްގެ ނަޒަރުގައިވެސް އެކަން އޮތީ އެހެންނެވެ. ދިއްފުށީގެ ވޯޓާ ސްޕޯޓްސް ކޮމިއުނިޓީން ފާހަގަކޮށްފައިވަނީ ދިއްފުށީގެ މާހައުލުން ރާއްޖޭގެ އިތުރުން ދުނިޔޭގެ ވަރުގަދަ އެތުލީޓުން ފެނުމަކީ ރަށުގެ އަރަމުން އަންނަ ޖީލަށް އެތައް ގޮތަކުން ފައިދާ ކުރާ ކަމެއް ކަމަށެވެ. އެގޮތުން ކައިޓް ސާފިންނަކީ ހަގީގާތުގައި ކޮންކަހަލަ ކުޅިވަރެއްކަން ދަސްވެ، އެކަމަށް ހިތް ޖެހޭނެ އެތައް ކަމެއް ރާރާ ޕްރޯއިން ގެނެސްދޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ހަންޓޭ، "ވަން ސްޕޯޓްސް"އަށް ބުނެފައި ވަނީ ރާރާ ޕްރޯގެ މުހިއްމު ކަމަކީ ކުޅިވަރުގެ ނަފާ އިތުރުވުން ކަމަށެވެ. ހާއްސަކޮށް ރާއްޖެއާ ގުޅޭ ސްޓައިލެއްގެ ކުޅިވަރަކަށް ކައިޓް ސާފިންވެފައި، އެ ކުޅިވަރުގެ އިތުރު ހުނަރުވެރިން މުބާރާތުގެ ސަބަބުން ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ދިއްފުއްޓަށް ބޮޑު އެކްސްޕޯޝާއެއް، އައިކޯނިކް އިވެންޓްގެ މަގުސަދު ހާސިލްވުމުގެ މިސްރާބަށް
ރާއްޖޭގެ އެންމެ ބޮޑު ކައިޓް ސާފިން ހަރަކާތް ރާރާ ޕްރޯ، މިދިޔަ އަހަރު ކ. ދިއްފުށީގައި ހޯސްޓް ކުރި އައިކޯނިކް އިވެންޓްސްގެ އޮތީ ދުރު ރާސްތާ ޕްލޭނެއް ކަމަށާއި، އެ ޕްލޭންގެ ދަށުން ތަފާތު ކުޅިވަރުތަކެއް ދިވެހި ރާއްޖެއަށް ގެނެސްދިނުން ހިމެނޭ ކަމަށް ފައުންޑާ ހަސަން ރަޝީދު (ރަޝް) ވަނީ ކުރިން ވިދާޅުވެފައެވެ.
ރާރާ ޕްރޯއަކީ އައިކޯނިކް އިވެންޓްސްގެ އެންމެ ފުރަތަމަ ބޮޑު އިވެންޓެވެ. ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް އިތުރަށް ފުޅާކޮށް، ތަފާތު ކުޅިވަރުތަކެއް ގެނެސް ޕްރޮމޯޓް ކުރުމުގެ ވިސްނުން އައިކޯނިކް އިވެންޓްސްއިން ގެންގުޅެމުންދާ އިރު، ރާރާ ޕްރޯއިން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލްވުމުގެ މިސްރާބަށް ދާކަން ރަޝް އަބަދުވެސް ދަނީ ފާހަގަކުރަމުންނެވެ.
ރަޝްގެ އެ ވިސްނުމަކީ ދިއްފުއްޓަށް ފުޅާ ވިސްނުމެކެވެ. ދިއްފުށީގެ ރައްޔިތުންނަށް އެ ތަސައްވަރު ކުލަވަމުންދާކަން ސާފުވެސް މެއެވެ. ރަށުގެ ގެސްޓް ހައުސްތަކުން ރާރާ ޕްރޯއަށް ހިތްވަރުދީ، އިވެންޓަށް ސަމާލުކަން ބޮޑުކުރަމުންދާ ދިޔުމުން އެކަން ދޭހަވެއެވެ. މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ގެސްޓް ހައުސްތައް ފެނިގެންދާ ދިޔުމަކީ ރާރާ ޕްރޯއިން ފެންނަ އުފާވެރި މަންޒަރެކެވެ. އަދި ރަށުގެ އެކި ގިންތިތަކުން ރާރާ ޕްރޯއާ ދޭތެރޭ ދެކެނީ އަމިއްލަ އިވެންޓެއްގެ ގޮތުގައެވެ.
"ރާރާ ޕްރޯ 2026 އަށް ދިއްފުށި މިއޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ރާރާ ޕްރޯގެ ސަބަބުން ދިއްފުށީގެ އިގުތިސާދީ ހުރިހާ ދާއިރާ ތަކަކަށް، ހާއްސަކޮށް ހަމަ ޓޫރިޒަމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭ. ރަށުގެ މާކެޓިންނަށްވެސް އިވެންޓުން އެކްސްޕޯޝާ ލިބި، ކުޅިވަރުގެ ދާއިރާއިން ހާއްސަކޮށް ކައިޓް ސާފިން އެތުލީޓުނަށް ލިބުނު ފުރުސަތެއް މިއީ. ދިއްފުށީގެ މި މާހައުލުގައި މުބާރާތް، އިވެންޓް ކުރިއަށްދިޔުން އެއީ އުފާވެރިކަމެއް. އަދި މިއީ ދިއްފުއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް ރަހުމާ ރުޝްދީ "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ރަހުމާ ވަނީ ކައުންސިލްގެ ނަމުގައި ރާރާ ޕްރޯގެ ޓީމުން އެ ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. އަދި ބައިނަލްއަގުވާމީ އެތުލީޓުންގެ ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެތުލީޓުން ދިއްފުއްޓަށް ޖަމާވެ، ރާރާ ޕްރޯގެ މިއަހަރު އެޑިޝަންއަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. ރާރާ ޕްރޯގެ ހިތްގައިމު "ވައިބް" އަނެއްކާވެސް ދިއްފުއްޓަށް ވެރިވެއްޖެއެވެ. މިފަހަރުވެސް އިވެންޓް ފުރިހަމަވާނެކަން ޔަގީނެވެ.
ރަހުމާ ރުޝްދީ
މުޙައްމަދު ޝަމްޢޫން
ރާރާ ޕްރޯ
ރާރާ ޕްރޯ
ރާރާ ޕްރޯ
ކޮމެންޓް