ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ބޮމްބޭގައި ހުންނަ އަގުބޮޑު އެޕާޓްމަންޓެއް، އިންޑިއާގައި ހުންނަ ކުވައިތުގެ ކޮންސިއުލޭޓް ޖެނެރަލްއަށް ކުއްޔަށް ދީފިއެވެ. އިންޑިއާގެ ރިއަލް އެސްޓޭޓް ޑޭޓާ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ސީއާރުއީ މެޓްރިކްސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮމްބޭގެ ބާންދްރާ ވެސްޓްގައި ހުންނަ މި އެޕާޓްމަންޓް ކުއްޔަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިއީ މިއަހަރުގެ މިހާތަނަށް ބޮމްބޭގައި ހިނގި އެންމެ އަގުބޮޑު އެއް ރިއަލް އެސްޓޭޓް މުއާމަލާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުވައިތު ކޮންސިއުލޭޓުން މަހަކު 16 ލައްކަ އިންޑިއަން ރުޕީސް ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އެހެންކަމުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖުމްލަ 1.92 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 19.2 މިލިއަން ރުޕީސް) ކުލީގެ ގޮތުގައި ސޮނާކްޝީއަށް ލިބޭނެއެވެ.

ބާންދްރާ ވެސްޓްގައި ހުންނަ "81 އޯރިއޭޓް" ނަމަކަށް ކިޔާ އިމާރާތުގެ މަތީ ފަންގިފިލާއެއްގައި ހުންނަ މި އެޕާޓްމަންޓަކީ 4،350 އަކަފޫޓުގެ ބޮޑު ތަނެކެވެ. މި އެޕާޓްމަންޓާއެކު ތިން ކާރު ޕާކުކުރާނެ ޖާގަ ލިބޭއިރު، އިމާރާތުގައި ހިމެނޭ ޖިމް، ލައިބްރަރީ، ކޮންފަރެންސް ރޫމް، ސްވިމިންގ ޕޫލް، ޖޮގިންގ ޓްރެކް އަދި ޔޯގާ ސްޓޫޑިއޯ ފަދަ ވަސީލަތްތައް އިތުރު އަގަކާ ނުލައި ބޭނުންކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ބޮމްބޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ފިލްމީ ތަރިން ދިރިއުޅޭ، ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ.