ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރު 1:00 ގައި ބާއްވަވާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު، ވަކިކުރަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.
މި ޖަލްސާގައި ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދިޔައީ ޖަލްސާ ފެށުމުގެ ކުރިން ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިއަދުގެ ޖަލްސާއަަށް އެޖެންޑާކޮށްފައި އޮތީވެސް ހަމައެކަނި ނާޒިމުގެ މައްސަލައެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 59 މެންބަރުން ހާޒިރުވެ ތިއްބެވި ކަމަށެވެ.
އެއަށް ފަހު މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން އެންމެ ފުރަތަމަ ކަމަކަށް ރިޔާސަތުން މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އާއްމު ކޮމިޓީއަށް އައި ބަދަލުގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ ބަދަލުގައި އެ ކޮމިޓީއަށް އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހަމަޖެއްސެވިކަން އިއުލާން ކުރެއްވިއެވެ.
އެއަށްފަހު ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވާލެއްވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް