ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 160 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 258 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 ޕަސަންޓް މަދު އަދަދެކެވެ. މީގެ އިތުރުން، މިއަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަމާޒު ހިފާފައިވީ ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެ އަދަދުގެ އެންމެ 30 ޕަސަންޓުކަމަށް ތަފާސްހިސާބުގައި ބަޔާންކޮށްފައިވެއެވެ.

ކުންފުނިތަކުން ދައުލަތަށް ވަންނަ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 70 ޕަސަންޓް ދަށަށް ގޮސްފައިވާއިރު، މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ.

ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 823 މިލިއަނަށް ވެއްޓިފައެވެ. ދައުލަތުގެ ހިއްސާ އޮންނަ 30 ކުންފުނީގެ ތެރެއިން މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ އެންމެ 6 ކުންފުންޏަކުންނެވެ.

އެ ކުންފުނިތަކަކީ:

  • ދިރާގު: 262 މިލިއަން ރުފިޔާ
  • ބީއެމްއެލް: 154 މިލިއަން ރުފިޔާ
  • އެމްއޭސީއެލް: 50 މިލިއަން ރުފިޔާ
  • އެމްޑަބްލިއުއެސްސީ: 30 މިލިއަން ރުފިޔާ
  • ޔާއެޗްޑީސީ: 20 މިލިއަން ރުފިޔާ
  • އެމްޕީއެލް: 12 މިލިއަން ރުފިޔާ

މިދިޔަ އަހަރު ދައުލަތަށް ޑިވިޑެންޑް ދީފައިވަނީ ހަމައެކަނި ދިރާގާއި ބީއެމްއެލްގެ އިތުރުން އެޗްޑީސީންނެވެ.

ބަޖެޓުގައި ޑިވިޑެންޑާއި އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ ހަތް ޕަސަންޓް ދަށް ލަފާކުރުމެކެވެ.