ރާއްޖެ ވެއްޓިފައިވާ ފުން ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އުފެއްދުންތެރިކަމުގެ ނިސްބަތަށްވުރެ ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލުހުން ކަމަށެވެ.

"ދިވެހިރާއްޖެ މިއަދު އޮތީ ބޮޑު ދަރަންޏަކުން ދަރާފަ. މިކަން އަނެއްކާވެސް ކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީގަ. ޑރ. މުއިއްޒަކަށް އެކަމެއް ނުކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ހުރީ އެއްވެސް ޕްލޭނެއް ނެތް އުމްރާނީ މަސައްކަތްތަކަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ލިބެމުންދާ މިފަދަ ގެއްލުންތައް ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށާއި ސަރުކާރުގެ މި އަމަލުތަކާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެ ޕާޓީން ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މޭސްތިރިއަކީ އެމްޑީޕީ ކަމަށާއި މުސްތަގުބަލުގައިވެސް ގައުމު އާރާސްތުކުރާނީ އެމްޑީޕީން ކަމަށެވެ.