ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) އިތުރު ދެ މީހަކަށް ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ ހަފުތާގައި ބަލިޖެހުނު މީހުންނާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނިކޮށް، އަލަށް ފެނުނު ދެ ކޭސްއާއެކު މިހާތަނަށް ޖުމްލަ ނުވަ މީހަކަށް ވަނީ މި ބަލި ޖެހިފައި ކަމަށެވެ. އޭގެތެރެއިން ހަ ކޭސްއަކީ ހަމައެކަނި މި މަހުގެ ތެރޭގައި ފެނިފައިވާ ކޭސްތަކެއްކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަވަހަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވުން ހިމެނެއެވެ.

މި ބަލީގެ ސަބަބުން ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.